އިންޑިއާގެ އެހީގެ ދަށުން އަފީފުއްދީން އަދި ހާފިޒް އަހުމަދު ސްކޫލުގައި ޤާއިމްކުރި އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓްތައް މިއަދު އިފްތިތާހުކޮށްފިއެވެ.

އިންޑިއާގެ 1.6 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ދަށުން ހދ. ކުޅުދުއްފުށި އަފީފުއްދީން ސްކޫލް އަދި ޏ. ފުވައްމުލަކު ހާފިޒް އަހުމަދު ސްކޫލުގައި "އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓް ޔުނިޓް" ޤާއިމްކުރުމުގެ މަޝްރޫއު ނިމި، އެކަން ފާހަގަކުރުމުގެ ގޮތުން މިއަދު ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު، މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. ޢާއިޝަތު ޢަލީ، ރައްޔިތުންގެ މަޖްލީހުގެ ކުޅުދުއްފުށި އަދި ފުވައްމުލަކަށް ނިސްބަތްވާ މެމްބަރުން އަދި އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ބައިވެރިވެވަޑައިގަތެވެ.



މިހަފްލާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝާހިދު ވަނީ، ދަރިވަރުން އެތަނަކަށް ލޯބިޖެހި އެތަނަކަށް އަހުލުވެރި ބައެއްކަމުގައި ދެކޭނެފަދައިން ސްކޫލުތައް ބިނާކޮށް ފަރުމާކުރުމަކީ މުހިއްމުކަމެއްކަމުގައި ފާހަގަކުރައްވާފައެވެ. އަދި އެކަމުގެ ސަބަބުން ކުދިން ބޮޑެތިވެ މުޖުތަމައަށް މަންފާކުރުވަނިވި ބައެއްކަމުގައި ވެގެންދާނެކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި މަޝްރޫގެ ދަށުން 'އިންކްލޫސިވް އެޑިއުކޭޝަން ސަޕޯޓު ޔުނިޓް'ތައް ޤައިމްކުރުމުގައި އެހީތެރިކަން ފޯރުކޮށް، މި ޔުނިޓުތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް ބޭނުންވާ ތަމްރީން ޕްރޮގްރާމުތައް ހިންގައި، މި ޔުނިޓުތަކަށް ބޭނުންވާ ހާއްސަ މެޓީރިއަލް ފޯރުކޮށްދީފައިވެއެވެ. މި ޔުނިޓުތައް ފަރުމާކުރެވިފައި ވަނީ އުނގެނިގަތުމަށާއި އުނގަންނައިދިނުމަށް ފަސޭހަވާނެ ގޮތަކަށް އިސްކަންދީގެންނެވެ.

މި މަޝްރޫއު ހިންގީ ހިލޭ އެހީގެ ގޮތުގައި އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް މާޗް 2019 ގައި ދިން 6.9 މިލިއަން ޑޮލަރު (106 މިލިއަން ރުފިޔާ)ގެ އެހީގެދަށުންނެވެ. އިންޑިއާ ސަރުކާރުގެ މި އެހީގެ ބޭނުމަކީ އިޖްތިމާއީ-އިގްތިސާދީ ކުރިއެރުންތަކަށް ދިވެހިރާއްޖޭގައި ހިންގޭ މަޝްރޫތަކަށް ހަރަދުކުރުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން