ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއު.އެޗް.އޯ.އިން ދިވެހިރާއްޖެއަށް ކަނޑައެޅި އައު މަންދޫބު، ޑރ. ނާޒްނީން އަންވަރު، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި އޮތް މި ބައްދަލުވުމުގައި ޑރ. ނާޒްނީންވަނީ އެކަމަނާގެ ލެޓަރ އޮފް އެޕޮއިންޓްމަންޓް މިނިސްޓަރ ޝާހިދަށް އަރުވާފައެވެ.

ބައްދަލުވުމުގައި މިނިސްޓަރ ޝާހިދާއި ޑރ. ނާޒްނީންވަނީ ދިވެހިރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކުރުމަށް ޑަބްލިއު.އެޗް.އޯ.ގެ ދައުރާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. އަދި ދިވެހި ސަރުކާރާއި ޑަބްލިއު.އެޗް.އޯ.ގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން ކޮވިޑް-19 ގެ ސަބަބުން ދިމާވި އެތަކެއް ދަތިތަކާއި، ބަލިމަޑުކަމުން އަރައިގަތުމަށް އިގްތިސާދީ ގޮތުންނާއި އިޖުތިމާއީގޮތުން އަޅަމުންގެންދާ ފިޔަވަޅުތަކާ ބެހޭގޮތުންވެސް މިނިސްޓަރ ޝާހިދާއި ޑރ. ނާޒްނީން މަޝްވަރާކުރެއްވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ޑަބްލިއު.އެޗް.އޯ.އިން ދިވެހިރާއްޖޭގެ ސިއްހީ ދާއިރާއަށް ދެއްވި އެހީއަށް މިނިސްޓަރ ޝާހިދުވަނީ ޝުކުރުދަންނަވާފައެވެ. އަދި މިނިސްޓަރ ޝާހިދުވަނީ މިވަގުތު އޮތް ސިއްހީ ހާލަތުން އަރައިގަތުމަށާއި ބަލިމަޑުކަމުގެ ސަބަބުން ދިމާވާނެ އިޖުތިމާއީ-އިގްތިސާދީ ހީނަރުކަން ކުޑަކުރުމަށް ޑަބްލިއު.އެޗް.އޯ.އިން އަދާކުރާ ދައުރު ފާހަގަކުރައްވާފައެވެ.

1965 އިން ފެށިގެން ޑަބްލިއު.އެޗް.އޯ.އިން ވަނީ ދިވެހިރާއްޖޭގެ ސިއްހީ ދާއިރާގެ ތަރައްގީއާއި ކުރިއެރުމުގައި ގިނަގުނަ އެހީތަކެއް ފޯރުކޮށްދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން