ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް، ބޮޑުވަޒީރަކަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، ހުށަޙަޅުއްވައިފިއެވެ.

ރައީސް ނަޝީދު މިގޮތަށް ހުށައެޅުއްވީ ރައީސް ސޯލިހަށް މިއަދު ފޮނުއްވި މެސެޖެއްގައެވެ. މިކަން ސަރުކާރުގެ ބައެއް އިސް ބޭފުޅުންނާ މަޖިލީހުގެ ބައެއް މެންބަރުން ވަނީ "ރަސް އޮންލައިން" އަށް ކަށަވރުކޮށްދެއްވާފައެވެ. އަދި މިއީ ޞައްޙަ މެސެޖެއްތޯ ބެލުމަށް ރައީސް ނަޝީދަށް މެސެޖްކޮށް ސުވާލު ދެންނެވުމުން އަދި ޖަވާބެއް ނުދެއްވައެވެ.

ވެރިކަން ހިންގުން އަންނަ އަހަރު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ބޮޑުވަޒީރަށް ވެވަޑައިގަތުމުގެ ފުރުސަތު އެމަނިކުފާނަށް ފަހިކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހުން ވަނީ އެދިވަޑައިގެންފައެވެ. ބޮޑުވަޒީރުގެ މަގާމަށް ވަޑައިގެން ގައުމު ހިންގަވަން ބޭނުންފުޅުވާ ކަމަށާއި އެކަމުގައި ރައީސާ މަޝްވަރާކުރައްވަން ބޭނުންފުޅުވާ ކަމަށްވެސް ރައީސް ނަޝީދު ފޮނުއްވި މެސެޖްގައި ވިދާޅުވެފައިވެއެވެ. ކެބިނެޓުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށްވެސް ނަޝީދު ވަނީ އެ މެސެޖް ފޮނުއްވާފައެވެ.

މީގެ އިތުރުން މަޖިލީހުގެ މިހާރުގެ ދައުރު ނިމި މަޖިލިސް އިންތިހާބު ބާއްވަންދެން މަޖިލީހުން ގައުމު ހިންގާ ގޮތަށް ރައީސް ނަޝީދު ރައީސް ސޯލިހަށް ހުށައަޅުއްވާފައިވެއެވެ. އަދި އަލަށް އިންތިހާބު ކުރާ މަަޖިލީހުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ގޮތަށް ހަމަޖެއްސުމަށްވެސް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

ވެރިކަން ހިންގުމުގެ އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށް ރައީސް ނަޝީދު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އަދި ވެރިކަމުގެ ނިޒާމު ބަދަލު ކުރި ނަމަވެސް ނިޒާމު ބަދަލު ކުރައްވާނީ ރައީސް ސޯލިހާ މަޝްވަރާ ކުރައްވާފައި ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން