ސަރުކާރު އުވާލައި ވެރިކަމުގެ ނިޒާމް ބަދަލުކުރުމަކީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހަށް ކުރެއްވޭނެ ކަމެއް ނޫން ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

އަންނަ އަހަރު ސަރުކާރު އުވާލައި ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކޮށް ބޮޑުވަޒީރަކަށްވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވަނީ ރައީސް އިބްރާހިމް މުހަންމަދު ސޯލިހަށް މިއަދު ހުށައަޅުއްވާފައެވެ. އެކަމާ ގުޅިގެން ރަސް އޮންލައިން އަށް ދެއްވި އިންޓަވިއު އެއްގައި ވާހަކަ ދައްކަވަމުން މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ، ރާއްޖޭގައި އޮންނަ ފެންނަ ވެރިކަމުގެ ނިޒާމާއި ބެހޭގޮތުން ރައްޔިތުންގެ ވޯޓަކުން ގޮތެއް ނިއްމާފައިވާ ކަމަށެވެ. ވެރިކަމުގެ ނިޒާމް ބަދަލުކުރާނަމަ އެކަން ކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށާއި، އެއާ ޚިލާފަށް ރައީސަށް ވަކިގޮތެއް ނުނިއްމޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ވެރިކަމުގެ ނިޒާމު އުވާލައި، އެހެން ނިޒާމަކަށް ފުރޮޅާލުމުގެ ބާރު އޮތީ ހަމައެކަނި ރައްޔިތުންނަށް ކަމަށެވެ. އަދި އެއީ ރައްޔިތުންގެ ވޯޓަކުން ނިންމާފައި އޮތް ކަމެއް ކަމަށާއި، ނިޒާމު ބަދަލު ކުރެވޭނީ ރައްޔިތުންގެ ވޯޓަކަށް ގޮސްގެން ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ވެރިކަމުގެ ނިޒާމް ބަދަލު ކުރުމަކީ ރައީސުލްޖުމްހޫރިޔާ އަކަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށްވެސް ނިންމޭނެ ކަމެއް ނޫން ކަމަށެވެ.

ރައީސް އޮފީހުގައި މިދިޔަ އަހަރުގެ ޖޫން މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވެފައިވަނީ ވެރިކަމުގެ ނިޒާމާ މެދު ވިސްނަވައި، ރައީސްގެ މަގާމުގައި ހުންނަވައިގެން ވަގުތު ހޭދަކުރައްވަން ބޭނުންފުޅު ނުވާ ކަމަށެވެ.

"އަޅުގަނޑު މި މަގާމަށް އައިސް މި ހުރީ ވަރަށް ގިނަ ވައުދުތަކެއް ވެގެން. އަޅުގަނޑު ހުރިހާ ވަގުތެއް ހުސްކުރަން ބޭނުން ވަނީ އެ ވައުދުތައް ފުއްދުމަށް. އަޅުގަނޑުގެ ސިކުނޑި އާއި އެހެން ކަންކަން މި ނޫން ކަމަކަށް ހުސްކުރާކަށް ބޭޭނުމެއް ނޫން،" ރައީސް ވިދާޅުވި އެވެ

ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގައި ވެރިކަން ކުރުމުގެ ނިޒާމު ކަނޑައަޅާފައިވަނީ ސީދާ ރައްޔިތުން ކަމަށެވެ. އެ ނިޒާމު ބަދަލުކުރާނަމަ ފުރަތަމަ ދާންޖެހޭނީ ރައްޔިތުންގެ ގާތަށް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ހިންގާން އޮންނަން ބޭނުން ވަނީ ރިޔާސީ ނިޒާމެއްތޯ، ނޫނީ ބަރުލަމާނީ ނިޒާމެއްތޯ ކަނޑައެޅުމަށް ނެގުނު ވޯޓްގައި ރިޔާސީ ނިޒާމެއް އޮންނަން ފެންނަ ކަމަށް 95،619 މީހުން ވަނީ ވޯޓް ދީފަ އެވެ. އެއީ ވޯޓްލީ މީހުންގެ 62.04 ޕަސެންޓެވެ. ޕާލަމެންޓަރީ / ބަރުލަމާނީ ނިޒާމަކަށް ތާއީދުކޮށް ވޯޓް ދީފައި ވަނީ 58،508 މީހުުންނެވެ. އެއީ ވޯޓްލީ މީހުންގެ 37.96 ޕަސެންޓް ކަން ފާހަގަަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން