ވެރިކަން ހިންގުމުގެ ނިޒާމު ބަދަލު ކުރާނަމަ މިހާރު އޮތް މަޖިލީސް އުވާލާ އާ މަޖިލީހެެއް ހޮވަން ޖެހޭނެ ކަމަށް ގާނޫނު އަސާސީ އެކުލަވާލި ކޮމެޓީގެ މުގައްރިރު އިބްރާހިމް އިސްމާއީލް، އިބުރާ ވިދާޅުވެއްޖެ އެވެ.

ސަރުކާރު އުވާލާ ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަން ބޭނުންފުޅުވާކަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވެވި މެސެޖެއްގައި ހާމަކުރައްވާފައެވެ.

ރައީސް ނަޝީދުގެ އެ މެސެޖާއި ގުޅިގެން އެމްޑީޕީގެ ފުރަތަމަ ރައީސްކަން ވެސް ކުރެއްވި އިބްރާހިމް އިސްމާއީލް ވިދާޅުވީ ވެރިކަން ހިންގުމުގެ ނިޒާމު ބަދަލު ކުރާނަމަ މިހާރު އޮތް މަޖިލީސް އުވާލާ އާ މަޖިލީހެެއް ހޮވަން ޖެހޭނެ ކަމަށެވެ. އަދި މިހާރު މަޖިލީހުގައި ވަޒީރުކަން ހަވާލު ކުރެވޭނެވަރުގެ އެއްވެސް ބޭފުޅަކު ނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އިބްރާ ވަނީ ރައީސް ނަޝީދު ގެންނަން އުޅެނީ "ބަޣާވާތެއް" ކަމަށް ސިފަ ކުރައްވާފައެވެ. އިބްރާ ވިދާޅުވީ ރައްޔިތުން ނިންމާފައި އޮތް ކަމެއް މަޖިލީހަށް ބަދަލު ނުކުރެވޭނެ ކަމަށެވެ.

"ހައިސިއްޔަތު އޮޅިގެން މިހާރު ތި އުޅުއްވަނީ. އަންނި [ރައީސް ނަޝީދު] މަޖިލީހުގައި އިންނެވީ އެންމެ ދާއިރާއެއް ތަމްސީލު ކުރަން،" ބަރުލަމާނީ އަކަށް ފުރޮޅާލަން ރައީސް ނަޝީދު ކުރައްވާ މަަސައްކަތްޕުޅަށް އިޝާރަތްކުރައްވައި އިބްރާ ވިދާޅުވި އެވެ.

ވެރިކަން ހިންގުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް، ބޮޑުވަޒީރަކަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، ވަނީ ރައީސް ސޯލިހަށް ދަންނަވާފައެވެ. ރައީސް ނަޝީދު މިކަމަށް އެދިވަޑައިގެން ފޮނުއްވި މެސެޖުގައި ސަރުކާރު އުވާލައި، 2023 ގައި ރިޔާސީ އިންތިހާބު ނުބޭއްވުމަށް އެދިވަޑައިގެންފައިވެއެވެ. ރައީސް ނަޝީދުގެ މެސެޖުގައި ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރެއްވުމަށް ފެނިވަޑައިގަންނަވަނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކަމަށެވެ. އަދި އޭގެ ފަހުން 2024 ވަނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ހަމައަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާނެ ބޭފުޅަކު އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތަށް ހަމަޖެއްސުމަށް ވެސް ރައީސް ނަޝީދު ވަނީ ރައީސް ސޯލިހްގެ އަރިހުން އެދިވަޑައިގެންފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން