ރައީސް ނަޝީދު ބޭނުންފުޅުވާ ގޮތަށް ވެރިކަމުގެ ނިޒާމް ބަދަލު ކުރުމަށް ރައީސް ޞާލިހު ދެކޮޅުކަން "ރަސް އޮންލައިން" އަށް ކަށަވަރުވެއްޖެއެވެ.

ރައީސް ނަޝީދު ބޭނުންފުޅުވާ ގޮތަށް ވެރިކަމުގެ ނިޒާމު ބަދަލުކުރެވެން ނެތްކަން ރައީސް ނަޝީދަށް، ރައީސް ޞާލިހު އަންގަވާފައިވާކަން ވެސް "ރަސް އޮންލައިން" އަށް ވަނީ ވަރަށް އިތުބާރުހުރި މަސްދަރަކުން ކަށަވަރުވެފައެވެ. އެގޮތުން މިހާރު އޮތް ވެރިކަމުގެ ނިޒާމަކީ ރައްޔިތުން ނިންމާފައި އޮތް ވެރިކަމުގެ ނިޒާމުކަމަށް ވުމީ މީގެ އެންމެބޮޑު ސަބަބުކަމަށް ރައީސް ޞާލިޙު ފާހަގަކުރަށްވާފައި ވާކަމަށްވެސް އެނގިފައި ވެއެވެ. މިކަމާބެހޭ ގޮތުން ރައީސް ޞާލިހުގެ ޖަވާބު ވަރަށް އަވަހަށް ރައީސް އޮފީހުން އާންމު ކުރާނެކަން ވެސް މިނޫހަށް ވަނީ ކަށަވަރުވެފައެވެ.

ރައީސް ނަޝީދު ބޭނުންފުޅުވާ ގޮތަށް ވެރިކަމުގެ ނިޒާމް ބަދަލުކުރެވެން ނެތްކަމަށް ރައީސް ޞާލިހު ވިދާޅުވެފައިވާއިރު، ރާއްޖޭގެ ސިޔާސީ މަސްރަހުގައި އިސްކޮށް ހަރަކާތްތެރިވާ ގިނަ ފަރާތްތަކުން އަންނަނީ ރައީސް ނަޝީދުގެ ހުށަހެޅުއްވުމަށް ދެކޮޅު ހައްދަވަމުންނެވެ. އެގޮތުން ކުރީގެ ރައީސުންނާއި ނާއިބު ރައީސުންގެ އިތުރުން، ދައުލަތަށް ގިނަ ދުވަހު ޙިދުމަތްކުރައްވާފައިވާ އިއްޒަތްތެރިންވެސް މީގެތެރޭގައި ހިމެނިވަޑައިގަންނަވައެވެ.

ވެރިކަން ހިންގުން އަންނަ އަހަރު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ބޮޑުވަޒީރަށް ވެވަޑައިގަތުމުގެ ފުރުސަތު އެމަނިކުފާނަށް ފަހިކޮށްދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަރިހުން އެދިވަޑައިގެން ފޮނުއްވި މެސެޖުގައި ވިދާޅުވީ ބޮޑުވަޒީރުގެ މަގާމަށް ވަޑައިގެން ގައުމު ހިންގަވަން ބޭނުންފުޅުވާ ކަމަށާއި އެކަމުގައި ރައީސާ މަޝްވަރާކުރައްވަން ބޭނުންފުޅުވާ ކަމަށެވެ. އަދި ކެބިނެޓުގެ ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށްވެސް ރައީސް ނަޝީދު ވަނީ އެ މެސެޖް ފޮނުއްވާފައެވެ.

މީގެ އިތުރުން މަޖިލީހުގެ މިހާރުގެ ދައުރު ނިމި މަޖިލިސް އިންތިހާބު ބާއްވަންދެން ރައްޔިތުންގެ މަޖިލީހުން ގައުމު ހިންގާ ގޮތަށް ރައީސް ނަޝީދު ރައީސް ސޯލިހަށް ހުށައަޅުއްވާފައިވެއެވެ. އަދި އަލަށް އިންތިހާބު ކުރާ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ގޮތަށް ހަމަޖެއްސުމަށްވެސް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފައެވެ.

ވެރިކަން ހިންގުމުގެ އެންމެ ރަނގަޅު ނިޒާމަކީ ބަރުލަމާނީ ނިޒާމު ކަމަށް ރައީސް ނަޝީދު މީގެ ކުރިން ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ. އަދި ވެރިކަމުގެ ނިޒާމު ބަދަލު ކުރި ނަމަވެސް ނިޒާމު ބަދަލު ކުރައްވާނީ ރައީސް ސޯލިހާ މަޝްވަރާ ކުރައްވާފައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން