މީހަކު "ސައިޑްލައިން" ނުވަތަ ހަވާސާވެފައި ހުރުމަކީ ވެރިކަމުގެ ނިޒާމް ބަދަލުކުރަންޖެހޭ ސަބަބެއް ނޫންކަމަށް ކުރީގެ ރައީސް، ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން ވިދާޅުވެއްޖެއެވެ.

ޑރ. ވަހީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބޮޑުވަޒީރުކަން ބޭނުންފުޅުވެގެން ރައީސް ޞާލިހަށް ކުރެއްވި މެސެޖެއްގައި އެމަނިކުފާނު ސައިޑްލައިންވެފައި ހުންނަކަމަށް ވިދާޅުވެފައިވާތީ އެކަމަށް އިޝާރާތް ކުރަށްވައެވެ.

ޑރ. ވަހީދު ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލު ކުރާނީ ވަކި މީހަކު ވެރިކަމުގެ ހަވާސާގައި ހުންނަވަން ޖެހޭތީ ނޫންކަމަށެވެ. އެ ބަދަލަކީ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތްކަމަށް ފެނުނީމާ ގެންނަންޖެހޭ ބަދަލެއްކަމަށް ޑރ. ވަހީދު ވިދާޅުވިއެވެ.



ވެރިކަމުގެ ނިޒާމް ބަދަލުކުރަން ރައީސް ނަޝީދު ދައްކަވަމުންދާ ވާހަކަފުޅުތަކަށް ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައިވާއިރު، މީސްމީޑިއާގައި ފާޅުކުރަމުންދާ ޚިޔާލުތަކަށް ބަލާއިރު އެކަމަށް ފާޅުގައި ތާއީދުކުރާ ފަރާތްތައް މަދުކަން ފާހަގަ ކުރެވެއެވެ. ރާއްޖޭގައި ކަމުއޮށިގެންވާ ސިޔާސީ އަދި ޢިލްމީ އަދި ދީނީ ގިނަ ބޭފުޅުން ގެންދަވަނީ ރައީސް ނަޝީދުގެ އެ ވާހަކަފުޅަށް ފާޑު ވިދާޅުވަމުންނެވެ. އަދި އެއީ އެމަނިކުފާނު "ހަމައިގައި" ހުރެގެން ދެއްކެވި ވާހަކަފުޅެއްތޯވެސް އެފަދަ ބައެއް ބޭފުޅުން ސުވާލު އުފައްދަވަމުން ގެންދަވައެވެ.

ރައީސް ނަޝީދު ވިދާޅުވާ ގޮތަށް ވެރިކަމުގެ ނިޒާމު ފުރޮޅާ ލުމަށް ގާނޫނީ ގޮތުން ވެސް ޖާގަ ނުދޭކަން އެފަންނުގެ އިލްމްވެރިން ގެންދަވަނީ ވިދާޅުވަމުންނެވެ. ރައްޔިތުން އިންތިޚާބުކޮށްފައި އޮތް ވެރިކަމެއްގެ ހިންގުން ރައްޔިތުންގެ މަޖިލީހުގެ ތެރެއަށް ބަދަލުކޮށް 2023 ގައި ރިޔާސީ އިންތިޚާބު ނުބާއްވައި ބަރުލަމާނީ ނިޒާމަށް ވެރިކަން ފުރޮޅާލުމަކީ ކުރެވޭނެ ކަމެއްނޫން ކަމަށާއި ނިޒާމު ބަދަލު ކުރެވޭނީ ގާނޫނު އަސާސީގައި ބުނާ ގޮތަށް ރައްޔިތުންގެ ގާތުގައި އަހައިގެން ކަމަށް ވެސް އެފަދަ ބޭފުޅުން ވިދާޅުވެއެވެ.

ނަމަވެސް އެމްޑީޕީގެ ސުޕަރ މެޖޯރިޓީ ރައްޔިތުންގެ މަޖިލީހުގައި އޮތުމުން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ގާނޫނު އަސާސީއަށް ބަދަލު ގެނަސްގެން އެކަން ކުރެވިދާނެ ކަމަށް ބައެއް ފަރާތްތަކުން ވިދާޅުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން