ވެރިކަމުގެ ނިޒާމަކީ އިރުއިރުކޮޅާ ބަދަލު ކުރެވޭނެ އެއްޗެއް ނޫންކަމަށް ކުރީގެ ރައީސް، ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްޤައްޔޫމް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް އެދިވަޑައިގެން ރައީސް ނަޝީދު، ރައީސް ޞާލިހަށް ހުށައަޅުއްވާފައިވާ މައްސަލައިގައި ޚިޔާލުފާޅުކުރަށްވަމުންނެވެ.

ރައީސް ނަޝީދުގެ ބަރުލަމާނީ ވިސްނުންފުޅާއި ގުޅޭގޮތުން ރައީސް މައުމޫން ވިދާޅުވީ ރާއްޖޭގައި އޮތް ރިޔާސީ ނިޒާމަކީ ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތެއް އޮވެގެން ގެނެސްފައިވާ ނިޒާމެއްކަމަށެވެ. އަދި ވެރިކަމުގެ ނިޒާމަކީ އިރުއިރުކޮޅާ ބަދަލުކުރެވޭނެ ނިޒާމެއް ނޫންކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

"މިހާރު ހިނގަމުން މިދާ ރިޔާސީ ނިޒާމަކީ ދިވެހި ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން ނިންމާފައިވާ ނިޒާމެއް. ވެރިކަމުގެ ނިޒާމު އިރުއިރުކޮޅަކުން ބަދަލެއް ނުކުރެވޭނެ." ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގިއިރު ވެރިކަމުގައި ހުންނެވި ރައީސް މައުމޫން ވިދާޅުވިއެވެ.



ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައީސް ނަޝީދު އެދިވަޑައިގެންފައި ވާއިރު، ރައީސް މައުމޫންގެ އިތުރުން، ރައީސް ވަހީދު އަދި ކުރީގެ ނާއިބު ރައީސް ޑރ. ޖަމީލުވެސް ވަނީ އެކަމާއި ދެކޮޅަށް ވާހަކަފުޅުދައްކަވާފައެވެ.

2008 ވަނަ ތަސްދީޤްކުރި އައު ޤާނޫނުއަސާސީގައި ރާއްޖޭގައި އޮންނަންޖެހޭ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް 2007 ވަނަ އަހަރު ނެގުނު ވޯޓުގައި، ބޮޑު އަޣުލަބިއްޔަތަކުން ނިންމީ ރާއްޖޭގައި އޮންނަންޖެހޭނީ ރިޔާސީ ނިޒާމްކަމަށެވެ.

2007 ވަނަ އަހަރު ވެރިކަމުގެ ނިޒާމު ކަނޑައަޅަން ނެގި ވޯޓްގައި 95،619 މީހުން ވޯޓް ދީފައިވަނީ ރިޔާސީ ނިޒާމު އޮންނަން ފެންނަ ކަމަށެވެ. ބަރުލަމާނީ ނިޒާމު އޮންނަން ފެންނަ ކަމަށް ވޯޓް ދީފައިވަނީ 58،504 މީހުންނެވެ. މި ވޯޓުގައި 199،841 މީހުން ވޯޓުލުމަށް ރަޖިސްޓްރީވިއެވެ. އަދި ވޯޓު ލާފައިވަނީ 155،890 މީހުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން