ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ މާއްދާތަކަކަށް އިސްތިސްނާ ވުމުގެ ހުއްދަ އަދި އެއް އަހަރަށް އިތުރުކޮށްދިނުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެދިވަޑައިގެންފިއެވެ.

ފިނޭންސް މިނިސްޓަރ ސޮއިކުރައްވައި ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާއަށް ހުށައެޅި މި ސިޓީގައި ވިދާޅުވީ ދައުލަތުގެ ޚަރަދުތައް ހަމަޖެއްސުމަށް، ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ 36 ވަނަ މާއްދާގެ ދަށުން މަޖިލީހަށް ލިބިދީފައިވާ ބާރުގެ ދަށުން، ހަމަ އެގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ) އަދި (ބ)ގައި ބަޔާން ކޮށްފައިވާ އުސޫލްތަކުގެ ދަށުން ދީފައިވާ އިސްތިސްނާގެ ހުއްދަ އަދި އެއް އަހަރަށް އިތުރުކުރުމަށް އެދޭ ކަމަށެވެ.

ހަވާލާދީފައިވާ މާއްދާގެ ދަށުން އެމްއެމްއޭއިން ސަރުކާރުގެ ދަރަންޏަށް ފައިސާ ނެގޭ ލިމިޓަކީ އެވެރެޖް އާމްދަނީގެ އެއް ޕަސެންޓެވެ. އެގޮތަށް ނަގާ ދަރަންޏެއް 91 ދުވަސް ތެރޭގައި ސަރުކާރުން އެމްއެމްއޭއަށް ދައްކަން ޖެހޭ ކަމަށް ވެސް ގާނޫނުގެ އެ މާއްދާގައި ވަނީ ބުނެފައެވެ.

މިދިޔަ އަހަރުގެ އޭޕްރީލް މަހު ފިނޭންސް މިނިސްޓްރީން 4.4 ބިލިއަން ރުފިޔާއަށް އެ ލިމިޓް މަތިކޮށް ދިނުމަށް މަޖިލީހުގައި ވަނީ އެދިފައެވެ. އަދި އެއް އަހަރު ދުވަހުގެ މުއްދަތަށް އެ ފައިސާ އަނބުރާ ދެއްކުން ފަސްވާގޮތަށް ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނަށް އަމަލުކުރުން އިސްތިސްނާ ކޮށްދިނުމުގެ ހުއްދައަކަށް ވެސް އެދިފައިވެއެެވެ. އެ ހުއްދަ މި ހިނގާ އެޕްރީލް މަހުގެ 26 ވަނަ ދުވަހަށް ހަމަވާނެއެެވެ. އަމީރުގެ ސިޓީގައި އެދިވަޑައިގެންފައިވަނީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ)، (ރ) އަދި (ބ) އަށް އަމަލުކުރުން ސަސްޕެންޑުކުރުމަށް ދީފައިވާ ހުއްދަ 2021 އޭޕްރީލް 26އިން ފެށިގެން އިތުރު އަހަރަކަށް އިތުރުކޮށްދިނުމަށެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ފޮނުއްވި ސިޓީގައި ވިދާޅުވީ ކޮވިޑުގެ ހާލަތުގައި އިގުތިސާދީ ފުން ވަޅުގަނޑުން އަދި އަރައިނުގަނެވޭ ކަމަށާއި، މާލީ ހާލަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ މި ދަނޑިވަޅުގައި، ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ބައެއް ފިސްކަލް ހަމަތަކަށް އަމަލުކުރުމަކީ ރާއްޖޭގެ މާލީ ހަލަތު ތަންދޭ ކަމެއް ނޫން ކަމަށެވެ. މިވަގުތު އާންމު ހާލަތަށް ރުޖޫއަވާން މަސައްކަތް ކޮށްފިނަމަ، ރާއްޖޭގެ އިގްތިސޯދަށް ދައުލަތް މެދުވެރިކޮށް ދެމުން އަންނަ ސަޕޯޓާއި ދައުލަތުގެ ކޭޝްފްލޯ މެނޭޖު ކުރުމަށާއި ދައުލަތް ހިންގުމަށް ގޮންޖެހުން ކުރިމަތިވާނެ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ކޮވިޑުގެ ކުރިއާ އަޅާބަލާއިރު ވަޒީފާ ނެތް މީހުންގެ ނިސްބަތް ނުވަތަ އަން އެމްޕްލޯއިމެންޓް ރޭޓު އިތުރުވެފައިވާ ކަމަށެވެ. އަދި ވިޔަފާރިތަކުގެ ސޭލްސް ނުވަތަ ވިކުރާ އަށްވެސް އޭގެ ނޭދެވޭ އަސަރަު ކޮށްފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެެވެ.

ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަޑުރޯ ކުރަން ނުވަތަ އިތުރު ރުފިޔާ ޗާޕް ކުރެވޭ ގޮތަށް ދީފައި އޮތް ހުއްދަ އިތުރު އެއް އަހަރަށް ދަންމާލުމަށް ފިނޭންސް މިނިސްޓަރ އެދިވަޑައިގެންފައިވާއިރު މިދިޔަ އަހަރުގެ ތެރޭގައި އެމްއެމްއޭއިން ވަނީ ދައުލަތް ހިންގުމަށް ބޭނުންވާ 4.4 ބިލިއަން ރުފިޔާގެ އޯވާ ޑްރާފްޓެއް ނުވަތަ އިތުރަށް ފައިސާ ދޫކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން