ވެރިކަމުގެ ނިޒާމް ބަދަލުކުރެވޭނީ ރައްޔިތުންގެ ވޯޓަކުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވެފައި މިވަނީ، ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ރައީސް ނަޝީދު އެދިވަޑައިގެންފައިވާތީ ރައީސް ނަޝީދުގެ އެ އެދިވަޑައިގެންނެވުމަށް ޖަވާބުދާރީވެ ވަޑައިގަންނަވަމުންނެވެ. ރައީސް ނަޝީދު އެކަމަށް ހުށައެޅުއްވީ ރައީސް ޞާލިހަށް ފޮނުއްވި މެސެޖެއްގައެވެ.

ރައީސް ނަޝީދު ފޮނުއްވި މެސެޖްގައި އެމަނިކުފާނު މިހާރު ވަރަށް ބޮޑަށް ހަވާސާވެ ވަޑައިގެން ހުންނަވަން ޖެހިވަޑައިގެންފައިވާކަން ފާހަގަ ކުރަށްވައި ވެރިކަން ހިންގުން ރައްޔިތުންގެ މަޖިލީހާއި ހަވާލު ކުރައްވައި ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރެއްވުމަށް އެދިވަޑައިގެންފައި ވައެވެ. މީގެއިތުރުން ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ފުރޮޅާލައި ގައުމުގެ ބޮޑުވަޒީރުކަން ރައީސް ނަޝީދު ކުރަށްވާ ގޮތަށް ހެއްދެވުމަށް ވެސް ހުށައަޅުއްވާފައި ވެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ވެރިކަމުގެ ނިޒާމް ބަދަލުކުރުމާއި ގުޅޭގޮތުން ރައީސް ނަޝީދު ފޮނުއްވި މެސެޖެއް ރައީސް ސާލީހުއަށް ލިބިވަޑައިގެންފައިވާ ކަމަށެވެ. ނަމަވެސް ވެރިކަމުގެ ނިޒާމަކީ ރައްޔިތުންގެ ސީދާ ވޯޓަކުން ނިންމާފައިވާ ނިންމެވުމެއްކަމަށްވާއިރު، އެކަމަށް ބަދަލެއްވެސް ގެނެވޭނީ ރައްޔިތުންގެ ވޯޓަކުންކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ. އަދި އެފަދަ ވޯޓެއް ނަގަން ރައީސްގެ ވިސްނުންފުޅު ނެތް ކަމަށް ވެސް އެނގިފައި ވެއެވެ.

ރައީސް ނަޝީދަކީ ފެށުނީއްސުރެ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް ވަކާލާތު ކުރަށްވައި އެމަގަށް މަސައްކަތް ކުރަށްވަމުން އަންނަ ބޭފުޅެކެވެ. ނަމަވެސް އެމަނިކުފާނު އެންމެ ފަހުން ވެސް ވިދާޅުވެފައިވަނީ މިކަމުގައި ގޮތެއް ނިންމަވާނީ ރައީސް ޞާލިހާ މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށެވެ. އެގޮތުން ރައީސް ނަޝީދު މިއަދުވެސް ހުށައަޅުއްވާފައިވަނީ މިކަމުގައި ރައީސް ޞާލިހާއި މަޝްވަރާ ކުރެއްވުމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން