ވަކި މީހަކަށްޓަކައި ވެރިކަން ބަދަލުކުރުމަކީ ޒާތީ އެދުމުގައި ހައްދުފަހަނަ އެޅުންކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރ އަމީން އިބްރާހިމް ކުރީގެ ރައީސް، ރައީސް މުހަންމަދު ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އަމީން މިމޭރުމުން ރައީސް ނަޝީދަށް ފާޑުވިދާޅުވީ ރާއްޖޭގައި މިހާރު އޮތް ރިޔާސީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ބޭނުންފުޅުވާކަމަށް ވިދާޅުވެ، ރައީސް، މުހައްމަދު ނަޝީދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ފޮނުއްވި މެސެޖާއި ގުޅިގެން މިހާރު ހިނގަމުންދާ ބަހުސުގައި އަމީންގެ ޚިޔާލުފުޅު ހިއްސާ ކުރައްވަމުންނެވެ. ރައީސް ނަޝީދު އެގޮތަށް އެދިވަޑައިގެންނެވި ނަމަވެސް ރައީސް ސޯލިހް ވަނީ އެކަމާއި ދެކޮޅު ހައްދަވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދަށް ޖަވާބުދެއްވަމުން ރައީސް ޞާލިޙު ވިދާޅުވީ ވެރިކަމުގެ ނިޒާމް ބަދަލުކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށެވެ.



ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަމީން ވިދާޅުވީ، ގައުމީ މަސްލަހަތު ދޫކޮށް ވަކި މީހެއްގެ ޝާނާއި ޝައުކަތަށްޓަކައި ވެރިކަމުގެ ނިޒާމް ބަދަލުކުރުމަކީ އެބައެއްގެ ހިތުގައި ގައުމާ މެދު އެއްވެސް ފަރުވާލެއް ނެތްކަމާއި ޒާތީ އެދުމުގައި ހައްދު ފަހަނަޅާފައިވާ މިންވަރު ހާމަވާކަމެއްކަމަށެވެ.

"މީ ރަސްކަމަކުން ޖުމުހޫރިއްޔަތަށް ބަދަލުވި ދުވަސް ވަރެއް ނޫން." ރާއްޖޭގައި އޮތް ވިރާސީ ރަސްކަން ޖުމްހޫރިއްޔަތަކަށް ބަދަލު ކުރުމުގެ މަރުހަލާގައި ހިނގާދިޔަ ކަންކަން ސިފަކުރައްވަމުން އަމީން ވިދާޅުވިއެވެ.

ރައީސް ނަޝީދު ހުށައަޅުއްވާފައިވަނީ 2023 ގައި އޮންނަ ރިޔާސީ އިންތިޚާބު ނުބާއްވައި އެއަހަރުގެ ފެބްރިއަރީ މަހުގައި ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލައްވާށެވެ. އަދި ބަރުލަމާނީ ނިޒާމަށް ވެރިކަން ބަދަލު ކުރަށްވައި ބޮޑުވަޒީރު ކަމުގައި ހުންނަވާނީ ވެސް އެމަނިކުފާނު ކަމުގައި ރައީސް ނަޝީދު ހުށައަޅުއްވާފައި ވެއެވެ. މީގެއިތުރުން 2024 ގައި ބާއްވާ އާންމު އިންތިޚާބު ބަރުލަމާނީ ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިއުމަށް ވެސް ރައީސް ނަޝީދު ވަނީ ހުށައަޅުއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު


-4

ފަޔާޒް

21-Apr-2021

އަމީން އެވިދާޅުވީ ވަރަށް ރަގަޅު ވާހަކައެއް.



ޓްރެންޑިން