ބ. އޭދަފުށި (ފޮޓޯ: އޭދަފުށީ ޓައިމްސް)
ބ. އޭދަފުށި (ފޮޓޯ: އޭދަފުށީ ޓައިމްސް)
ބ. އޭދަފުށިން ކޯވިޑަށް ޕޮޒިޓިވް މީހަކު ފެނުމާ ގުޅިގެން އެރަށަށް އަރައި ފޭބުން މަނާކޮށްފިއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނީ ކޯވިޑް-19ގެ އަލާމާތްތައް ހުރި މީހަކު އޭދަފުށީ ފްލޫ ކްލިނިކަށް ގޮސް ޓެސްޓު ކުރުމުން އެ ބައްޔަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެހެންކަމުން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން އެރަށަށް އަރައި ފޭބުން ވަނީ މަނާކޮށްފައެވެ.

އެކަމާ ގުޅިގެން އޭދަފުށީ ހޮސްޕިޓަލުންވަނީ ޒަރޫރީ ބޭނުމަކު ނޫނީ ގެއިންބޭރަށް ނުނިކުތުމަށާއި ގެއިން ބޭރަށް ނުކުންނަން ޖެހިއްޖެ ހާލަތެއްގައިވެސް މާސްކު އަޅައިގެން އުޅުމަށް އިލްތިމާސްކޮށްފައެވެ. އަދި އެރަށުގައި ސާމްޕަލް ނެގުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އޭދަފުށީގެ އިތުރުން އއ. ބޮޑުފޮޅުދޫން ބަލިވެގެން ޑޮކްޓަރަށް ދެއްކި މީހެއްގެ ސާމްޕަލް ކޯވިޑް-19 އަށް ޕޮޒިޓްވްވެ އެ ރަށްވެސް ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފައެވެ. އެ ކޭސްއާ ގުޅިގެން އެރަށަށް އަރައި ފޭބުން މަނާކޮށްފައިވާ އިރު، ޕޮޒިޓިވްވި މީހާގެ ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވި ހަތް މީހަކު ވަނީ ކަރަންޓީން ކޮށްފައެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިވަގުތު މޮނިޓަރިންގައި ގިނަ ރަށްތަކެއް އެބައޮތެވެ. އޭގެ ތެރޭގައި ފާދިއްޕޮޅުގެ ހަތަރު ރަށާއި، ކޮޅުމަޑުލު ހަ ރަށެއް ހިމެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން