ވެކްސިން ޖެހުން ކުރިއަށްދަނީ
ވެކްސިން ޖެހުން ކުރިއަށްދަނީ
މާދަމާ މާލޭ ސަރަޙައްދުގައި ސިނޮފާމް ވެކްސިންގެ ދެވަނަ ޑޯޒް ދޭން ފަށާނެ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

އެޗްޕީއޭއިން ބުނީ މާދަމާ ހެނދުނު 10:00 އިން ފެށިގެން ސިނޮފާމް ވެކްސިންގެ ދެވަނަ ޑޯޒު ދޭން ފަށާނެ ކަމަށެވެ. އެގޮތުން ވެކްސިންގެ ދެވަނަ ޑޯޒް ޖެހުން ޓްރީ ޓޮޕް ހޮސްޕިޓަލްގައި މާދަމާ ހެނދުނު 10:00 އިން 12:00އަށް އަދި 20:30 އިން 23:00އަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު ރައްޔިިތުންގެ މަޖިލީހުގެ އިދާރާގައިވެސް ރޭގަނޑު 21:00 އިން 23:30 އަށް ސިނޮފާމް ވެކްސިންގެ ދެވަނަ ޑޯޒް ދިނުމަށް ވަނީ ނިންމާފައެވެ.

ރާއްޖޭގައި ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ދިނުމަށް ހަމަޖެހިފައިވަނީ ސޯޝަލް ސެންޓަރު، ނެޝަނަލް އާރޓް ގެލަރީ، ރައްޔިތުންގެ މަޖިލިސް، ހުޅުމާލެ ވެކްސިނޭޝަން ސެންޓަރު، ވިލިމާލެ ޒުވާނުންގެ މަރުކަޒު އަދި ސެނަހިޔާ ހޮސްޕިޓަލުގައެވެ. މީގެއިތުރުން ސިނޯފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ދޭނީ ޓްރީޓޮޕް ހޮސްޕިޓަލުގައި ރޭގަނޑު 20:30 ން 23:00 އަށެވެ.

އެޗްޕީއޭއިން މިއަދު އާންމު ކުރި ތަފާސް ހިސާބު ދައްކާގޮތުން އިއްޔެ 2546 މީހަކު ވަނީ ވެކްސިންގެ ފުރަތަަމަ ޑޯޒު ޖަހާފައެވެ. އަދި 5587 މީހަކު ވަނީ ވެކްސިންގެ ދެވަނަ ޑޯޒު ޖަހައިފައެވެ. އެއާއެކު މުޅި ރާއްޖެއިން ޖުމްލަ 281،848 މީހަކު ވަނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައެވެ. އަދި ރާއްޖެއިން ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒު ޖެހީ 45،817 މީހެކެވެ.

ފެބްރުއައީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރާއްޖޭގައި ކޮވިޑް ވެކްސިން ދެމުން އަންނައިރު، ވެކްސިންގެ ދެވަނަ ޑޯޒު ދޭން ފަށާފައިވަނީ މިމަހުއެވެ. އެޗްޕީއޭއިން ވަނީ ވެކްސިން ޖަހަން ދާއިރު ވެކްސިން ކާރޑް ގެންދިއުމަށާއި، ގަޔަށް ދޫ، ފަސޭހައިން ކޮނޑު ދެއްކޭނެ ހެދުމެއް ލައިގެން ދިއުމަށް އިލްތިމާސްކޮށްފައެވެ.

އޭގެ އިތުރުން ވެކްސިންޖަހަން ދާއިރު ރަނގަޅަށް ކައިގެން ދިއުމަށާއި، ވެކްސިން ޖަހަންދާއިރު އަމިއްލަ ފެންފުޅިއެއް ގެންދިއުމުގެ އިތުރުން، ބޭނުން ކުރަމުންދާ ބޭހެއްވާނަމަ ބޭހުގެ މައުލޫމާތު ގެންދިއުމަށް އެޗްޕީއޭ އިން އެދިލައްވާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން