ކޯވިޑް-19އާ ގުޅިގެން ރާއްޖެއަށް ގެންނަން މަސައްކަތްކުރި ވެންޓިލޭޓަރުތައް ހޯދުމުގައި ކޮރަޕްޝަން ހިމެނޭކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދައުވާ ނުކުރުމަށް އެއްވެސް އިރެއްގައި މަސައްކަތް ކުރައްވާފައިނުވާނޭކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޝަމީމް ވިދާޅުވީ ވެންޓިލޭޓަރު މައްސަލައިގައި ގޯސްތަކެއް ހިމެނޭ އިތުރު ކަންތައްތަކެއް ފާހަގަކުރެވިފައިވާކަމަށެވެ. އަދި އެމައްސަލާގައި ވަރަށްއަވަހަށް ނަތިޖާއަކާ ހަމައަށް ދެވޭނެކަމަށް ލަފާކުރައްވާކަމަށްވެސް.ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ، މިމައްސަލާގައި ދައުވާ ނުކުރުމަށް އެއްވެސް އިރެއްގައި މަސައްކަތް ކުރައްވާފައި ނުވާނެކަމަށެވެ. އަދި ދައުވާކުރެވޭ ވަރަށް ހެކި ހުރެއްޖެނަމަ ދައުވާކުރައްވާނެކަމަށް ޝަމީމް ވިދާޅުވިއެވެ. ނަމަވެސް އޭސީސީން ދައުވާކުރަން ޕީޖީއަށް ފޮނުވާފައިވާ ލިޔެކިއުންތަކަށް ބަލާއިރު އެއްވެސް މީހެއްގެ މައްޗަށް ދަޢުވާ ކުރެވޭނެ ހެތްކެއް މިހާތަނަށް ނެތްކަމަށް ޕީޖީ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ކުރިމައްޗަށް ހުށަހެޅި ޑޮކިއުމަންޓްތަކެއްގަ އަދިނެތޭ ކުށެއް ސާބިތުވާވަރުގެ ހެއްކެއް." ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ މިމައްސަލައިގައި އަދިވެސް އިތުރު ކަންތައްތަކެއް ފުރިހަމަވާން ޖެހޭކަމަށް ފާހަގަކުރެވިފައިވާކަމަށާއި އެކަންތައް އަލުން ފޮނުވައިދެއްވުމަށް އޭސީސީގައި އެދިފައިވާނެކަމަށެވެ. އަދި އެ ކަންކަން ބެލުމުން މިމައްސަލާގައި ކޮންމެވެސް ނަތީޖާއަކާ ހަމައަށް ދެވޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށްވެސް ޕީޖީ ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ މިމައްސަލައިގައި ޖަވާބު ލިބެންޖެހޭ ސުވާލުތަކެއް އެބަހުރިކަމަށާއި އެ ޖަވާބު ލިބުމުން މި މައްސަލަ ވެފައިއޮތްގޮތް ވަރަށް ރަނގަޅަށް ސާފުވާނެކަމަށެވެ.

ވެންޓިލޭޓަރުތަކުގެ ކޮރަޕްޝަންގެ މައްސަލައިގައި ދައުވާކުރުމަށް އޭސީސީން ދެފަހަރެއްގެ މަތިން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުންވެސް ޕީޖީން ވަނީ ދަޢުވާކުރެވޭވަރަށް ހެކި ނެތްކަމަށްބުނެ އެމައްސަލަ އަނބުރައި ފޮނުވާލާފައެވެ. ނަމަވެސް މިމައްސަލާގައި ޢާންމު ރައްޔިތުންގެ ކަންބޮޑުވުން އޮތުމުން ޕީޖީން ދަނީ މައްްސަލަ ރިވިއުކުރަމުންނެވެ.

މިކަމުގައި ގިނަބައެއްގެ ކަންބޮޑުވުމާއި ޝަކުވާތައް ފެންމަތިވުމުން ޕީޖީ ޝަމީމު ވިދާޅުވީ އުންސުރުތަކެއް ފުރިހަމަ ނުވާތީ ދަޢުވާ ނުކުރެވޭ ކަމުގެ ބަހާނާއެވެ. މިމައްސަލައިގައި ޕީޖީ އިސްތިއުފާ ދެއްވުމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ ގޮވާލައްވާފައެވެ. ނަމަވެސް ޕީޖީ ޝަމީމަކަށް އެކަން ކުރަށްވާކަށް ކެރިވަޑައެއް ނުގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން