ބ. އޭދަފުށި (ފޮޓޯ: އޭދަފުށީ ޓައިމްސް)
ބ. އޭދަފުށި (ފޮޓޯ: އޭދަފުށީ ޓައިމްސް)
މުޖުތަމަޢުގެ ތެރޭގައި ކޯވިޑް-19 ފެތުރެމުންދާތީ މިހާރު މީހުން އަރައި ފޭބުން މަނާކޮށްފައިވާ ބ. އޭދަފުށިން ބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމްލަ ޢަދަދު ހަޔަކަށް އަރައިފިއެވެ.

ކޯވިޑް-19ގެ އަލާމާތްތައް ހުރި ދެ މީހަކު އޭދަފުށީ ފްލޫ ކްލިނިކަށް ގޮސް ޓެސްޓު ކުރުމުން އެ ބައްޔަށް ޕޮޒިޓިވްވެފައިވާތީ، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން އެރަށަށް އަރައި ފޭބުން ވަނީ މަނާކޮށްފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެމީހުންނާ ކޮންޓެކްޓްވި މީހުންގެ ސާމްޕަލް މިހާރު ނަގާފައިވާއިރު އޭގެ ތެރެއިން 04 މީހަކު މިހާތަނަށް ވަނީ ޕޮޒިޓިވް ވެފައެވެ. އަދި ނަތީޖާ ނުލިބޭ އިތުރު ސާމްޕަލްތައް ހުރިއިރު އެރަށުގައި މިވަގުތު ޕޮޒިޓިވް ވެފައިވާ މީހުންގެ ޢަދަދަކީ ހައެކެވެ.

އެކަމާ ގުޅިގެން އޭދަފުށީ ހޮސްޕިޓަލުންވަނީ ޒަރޫރީ ބޭނުމަކު ނޫނީ ގެއިންބޭރަށް ނުނިކުތުމަށާއި ގެއިން ބޭރަށް ނުކުންނަން ޖެހިއްޖެ ހާލަތެއްގައިވެސް މާސްކު އަޅައިގެން އުޅުމަށް އިލްތިމާސްކޮށްފައެވެ. އަދި އެރަށުގައި ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ. އަދި ގްރޭޑް 9 އިން ދަށުގެ ކްލާސްތަކުގެ ކިޔެވުންވެސް ވަނީ މެދުކަނޑާލާފައެވެ.

އެޗްޕީއޭގެ ތަފާސްހިސާބުން ދައްކާ ގޮތުގައި 17 ރަށެއް މިވަގުތު މޮނީޓަރިންގެ ހާލަތުގައި އެބައޮތެވެ. އެއީ، ކ. ހުރާ، ކ. ދިއްފުށި، ކ. ހިންމަފުށި، ޅ. ނައިފަރު، ޅ. ފެލިވަރު، ޅ. ހިންނަވަރު، އދ. މާމިނގިލި، ތ. ވިލުފުށި، ތ. ވޭމަންޑޫ، ތ. ކިނބިދޫ، ތ. އޮމަދޫ، ތ. ގާދިއްފުށި، ތ. މަޑިފުށި، ތ. ތިމަރަފުށި، އއ. މާޅޮސް، އއ. ބޮޑުފޮޅުދޫ އަދި ބ. އޭދަފުއްޓެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން