ސަރުކާރުގެ އިސް މަގާމެއްގައި ހުރި މީހެއްގެ މައްޗަށް ތުހުމަތުކުރެވުނު ޖިންސީ ގޯނާގެ މައްސަލައެއް އަނެއްކާވެސް އޮއްބާލައިފިއެވެ.

މިފަހަރު އޮއްބާލާފައިވަނީ ޒުވާން އަންހެނުންނަށާއި ކުޑަކުދިންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތާ އެކު ވަޒީފާއިން ސަސްޕެންޑް ކުރި ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު އަހުމަދު ފަޒީލްގެ މައްސަލައެވެ.

ރައީސް މައުމޫންގެ އެމްއާރުއެމްގެ ސްލޮޓެއްގައި ފިޝަރީޒްގެ ސިޔާސީ މަގާމަކަށް އައްޔަންކޮށްފައިވާ ފަޒީލުގެ މައްޗަށް ވަނީ ކުދިންގެ ގަޔަށް އަތްލުމާއި ބަދުއަޚުލާގީ އަމަލުތައް ހިންގާ މަންޒަރާއި ބަރަހަނާ ފޮޓޯ ފޮނުވުން ފަދަ ތުހުމަތުތައް ކޮށްފަ އެވެ.

ފުލުހުން ބުނީ ފަޒީލްގެ މައްޗަށް ކުރި ތުހުމަތުތަކާ ގުޅިގެން މައްސަލައިގެ ތަހުގީގު ނިންމައި، ޖިނާއީ ދައުވާއެއްކޮށް ކުށް ސާބިތު ކުރެވޭ ވަރަށް ހެކި ލިބިފައި ނުވާކަމަށެވެ. އެހެންކަމުން އެމައްސަލަ ފައިލްކޮށްފައިވާ ކަމަށެވެ.

މިމައްސަލައާ ގުޅިގެން މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމުން އޭނާ ސަސްޕެންޑްކޮށްފައި ހުންނަތާ 9 މަސް ވެއްޖެ އެވެ. އަދި އެމްއާރުއެމްގެ ހަރަކާތްތަކުންވެސް އޭނާ ވަނީ ސަސްޕެންޑްކޮށްފައެވެ.

ޖިންސީ ގޯނާގެ މައްސަލަ ތަކަކީ ވަރަށް ބޮޑަށް އިސްކަމެއް ދީގެން ކަމާބެހޭ މުއައްސަސާ ތަކުން ބަލަމުން ގެންދާ މައްސަލަ ތަކެއް ކަމަށް އަބަދުވެސް ބުނެއެވެ. ނަމަވެސް މިހާރުވެސް ކުރިންވެސް ފުލުހުންގެ ތަހުގީގާ ހަމައިން އެފަދަ މައްސަލަތައް އޮބި ފައިލްވެ އަރްޝީފުތަކުން ވެސް ގެއްލޭކަން ގިނަބަޔަކު ފާހަގަ ކުރެއެވެ. އެގޮތުން ދާދިފަހުން ހިނގާދިޔަ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ މައްސަލަ މިފަދަ ދިރިހުރި މިސާލެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަ ކުރަމުންދާއިރު ވީޑިއޯ ތަކާއި ފޮޓޯތަކާއެކު ލީކްވެފައިވާ އެފަދަ މައްސަލަތަކުގައި ފުލުހުންގެ ތަހުގީގާއި ހަމައިން މައްސަލަ އޮބި، ގެއްލި، އެފަދަ ބައެއް މީހުން ބޮޑެތި ސިޔާސީ މަގާމުތަކާއި ބޯޑުތަކުގައި މިހާރުވެސް ތިބިކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން