މަސް ދޯނިތަކުގައި ބިދޭސީން ގެންގުޅެން ހުއްދަދިނުމަކީ ފިޝަރީޒް މިނިސްޓްރީން ކުރި ޒިންމާދާރުކަން ކުޑަ އަމަލެއްކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.

ބޮންޑޭ މިހެން ވިދާޅުވީ ރާއްޖޭގައި މަސްވެރިކަމުގައި ހަރަކާތްތެރިވާ މަސް ދޯނިފަހަރުގައި ބިދޭސީ މަސައްކަތްތެރިން ގެންގުޅުމުގެ ހުއްދަ ފިޝަރީޒް މިނިސްޓްރީން ދިނުމުންނެވެ.

ފިޝަރީޒް މިނިސްޓްރީން މިހުއްދަ ދިނީ ދޯނިތަކުގައި ކެއްކުމުގެ މަސައްކަތާއި ފޮޅާއި ސާފުކުރުމުގެ މަސައްކަތްތަކަށް ދިވެހިން ލިބުމުގެ ދަތިކަމުގެ ކަންބޮޑުވުން އޮޑިވެރިން ފާޅުކުރަމުންދާތީކަމަށް އެމިނިސްޓްރީން ބުނެއެވެ. އަދި މިހުއްދަ ދިނީ މަސްވެރިކަމުގައި އެމީހުން އުޅުން މަނާކޮށް، އެހެނިހެން މަސައްކަތް ކުރެވޭ ގޮތަށްކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގެ މެމްބަރެއްކަމަށްވާ، މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ވިދާޅުވީ ‏އެހުއްދަ މިނިސްޓްރީން ދިން އިރު މަސްދޯނިފަހަރުގައި "ކައްކާ ފޮޅާސާފުކުރާ ވަޒީފާ" ތަކަށްދާން ޝައުގުވެރިވާ ދިވެހިން ތިބިތޯ ބަލާފައިނުވާއިރު މިކަމަށް ދިވެހިން ތަމްރީންކުރުމުގެ މަސައްކަތް ވެސް މިނިސްޓްރީން ކޮށްފައިނުވާކަމަށެވެ. އަދި ދިވެހި މަސްކަނޑުގެ ވަޒީފާތައް ބިދޭސީންނަށް ހުޅުވާލުމަކީ "މަަސް ވުޒާރާގެ" ޒިންމާދާރުކަން ކުޑަ، ގައުމަށް ގެއްލުންހުރި ނިންމުމެއްކަމަށް ބޮންޑޭ ވިދާޅުވިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ގަވާއިދާ ހިލާފަށް މަސްދޯނިފަހަރުގައި ބިދޭސީން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އޭގެ ސަބަބުން ރާއްޖޭގެ މަސްވެރިކަމަކީ ގަވާއިދާ ހިލާފަށް ކުރާ ކަމެއްގެ ގޮތުގައި ސިފަކުރެވިދާނެ ކަމުގެ ކަންބޮޑުވުން ބޭރުގެ ރީޓެއިލަރުން ފާޅުކުރަމުންދާ ކަމަށެވެ. އަދި މިއީ ގަވާއިދުގެ ތެރެއިން ބިދޭސީންގެ ގެންގުޅުމަށް އަދި މަސްވެރިކަމުގެ ސިނާއަތުގެ މަންފާއަށްޓަކައި ދޭން ނިންމި ހުއްދައެއްކަމަށް މިނިސްޓްރީން ބުނެއެވެ.

ފިޝަރީޒް މިނިސްޓްރީން ދިން ހުއްދައިގެ ދަށުން ވޯކްޕާމިޓެއްގެ ދަށުން މަސް ދޯންޏެއްގައި ގެންގުޅެވޭނީ 2 ބިދޭސީންނެވެ. އަދި އެމީހުންނަށް ހުއްދަ ދޭނީ ކެއްކުން ނުވަތަ ދޯނި ފޮޅާ ސާފުކޮށް ބެލެހެއްޓުމަށްކަމަށްވެސް މިނިސްޓްރީން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން