ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތް ހިންގަން އޭނާ ރާއްޖެ ގެންނަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެވިދާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޖިންސީ ގޯނާގެ ތުހުމަތުގައި އަލީ ވަހީދުގެ މައްޗަށް ހަތް ދައުވާއެއް އުފުލައި އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައި ވަނިކޮށް ޕީޖީން އެދިގެން އެ ކޯޓުން އޭނާގެ ޕާސްޕޯޓު ދޫކޮށްލުމުން އޭނާ ވަނީ ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފަ އެވެ.

އަލީގެ ޕާސްޕޯޓު ދޫކޮށްލަން ނިންމި ނިންމުން ޕީޖީ އޮފީހުން ހައިކޯޓުގައި އަލުން އިސްތިއުނާފު ކުރުމުން އެ ކޯޓުން ވަނީ ޗިޓް ހަވާލުކުރުމަށް އޭނާ އުޅޭ ތަނެއް ހޯދުމަށް ޕީޖީއަށް އަންގަވާފައެވެ. ނަމަވެސް، އޭނާ އުޅޭ ތަނެއް ޕީޖީއަށް ނުހޯދުމުން އެ ކޯޓުން ވަނީ އެ މައްސަލައިގެ ދައުވާ ބާތިލުކޮށްފަ އެވެ.

އެމައްސަލަ މިހާރު ވަނީ ސްޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައެވެ. ޕީޖީ ޝަމީމް ވިދާޅުވީ، ޗިޓު ހަވާލުކޮށްގެން ހާޒިރު ނުވެއްޖެއްޔާވެސް ކުރެވޭނެ ބައިވަރު ކަންކަން ހުރި ކަމަށެވެ. އެގޮތުން ކޯޓު އަމުރު ނެރެގެން ވެސް އަލީ ގެނެވިދާނެ ކަމަށް ޕީޖީ ވިދާޅުވި އެވެ.

"މިސާލަކަށް އެ މައްސަލާގައި ޗިޓު ހަވާލުކޮށް ހާޒިރުނުވެއްޖެއްޔާ އަމުރު ނެރެގެންވެސް ހާޒިރު ކުރެވޭނެ. އަމުރު ނެރޭ އިރުގައި ހަމަ އެކަނި ރާއްޖޭގަ ނޫން އަމުރު ނެރެވޭނީކީއެއް. މި ދެންނެވީ އިންޓަޕޮލް ރެޑް ނޯޓިސްއާއި އެކަހަލަ ބައިވަަރު އިންޓަނޭޝަނަލް ކަންކަން ވެސް އެބަ ހުރި އަޅުގަނޑުމެންނަށް ކުރެވެން ހުރި ކަންތައްތައް،" ޕީޖީ ޝަމީމް ވިދާޅުވިއެެވެ.

ޕީޖީ ޝަމީމް ވިދާޅުވީ އަލީ ވަހީދުގެ ހަތް ދައުވާގެ ޝަރީއަތްވެސް ކްރިމިނަލް ކޯޓުގައި ކުރިއަށްގެންދަވަން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަލީގެ ޕާސްޕޯޓު ދޫކޮށްލަން ކުރިމިނަލް ކޯޓުން އަމުރު ކުރީ އޭނާގެ މައިބަދައިގެ އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމަށް ކަށީގެ ހާއްސަ ޑޮކްޓަރު، ޑރ. ޔޫސުފް ޝާން ކޯޓުގައި ހެކިބަސް ދެއްވުމުންނެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލާފައިވަނީ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) އަލީ ވަހީދަށް ޖާމިނުވުމަށް ޝަރުތުކުރުމަށްފަހުއެވެ. އަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާ ތަކުގެ ތެރޭގައި ޖިންސީ އަނިޔާ ކުރުމުގެ ދައުވާއާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާއާއި ޖިންސީ ގޯނާކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އާއި ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ ހިމެނެއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން