ރާއްޖޭގެ ދަރަނި މެނޭޖްކުރަން ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ "ނާގާބިލު" ޓީމަށް ނޭނގޭތީ ދުނިޔޭގެ މާލީ އިދާރާތަކުން ޖޯކް ޖަހަމުންދާ ކަމަށް ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެެވެ.

ޝިޔާމް މިހެން ވިދާޅުވީ ޕަބްލިކް ބޭންކު އެކައުންޓުން ދައުލަތުގެ ހަރަދުތަކަށް ފައިސާ އޯވަޑުރޯ ކުރަން ނުވަތަ އިތުރު ރުފިޔާ ޗާޕް ކުރެވޭ ގޮތަށް ދީފައި އޮތް ހުއްދަ އިތުރު އެއް އަހަރަށް ދަންމާލުމަށް ފިނޭންސް މިނިސްޓްރީން އެދުނު މައްސަލައިގެ ބަހުސްގެ މަރުހަލާގައި ވާހަކަ ދައްކަވަމުންނެވެ. ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ، ފައިސާ ޗާޕުކޮށްގެން ރައްޔިތުން ބަނޑަށް ޖެއްސުން ނޫން ކަމެއް ކޮށްފައިވޭތޯ ބަލަންޖެހޭ ކަމަށެވެ. މީގެ ކުރިން ސަރުކާރުން ޗާޕްކުރި 4.4 ބިލިއަން ރުފިޔާ އެއްކޮށް ކަހަލަ ގޮތަކަށް ސަރުކާރުން ބޭނުންކޮށްފައިވާ ކަމަށާއި، އަހަރުގެ ތެރޭގައި ތަރައްގީގެ މަޝްރޫއުތަކަށް ދެ ބިލިއަން ހަރަދު ނުކުރެވުމަކީ ދެރަކަމެއް ކަމަށެވެ. އަދި އެ ފައިސާ ސަރުކާރުން ބޭނުން ކުރީ ކީއްކުރަންތޯ ރައްޔިތުން ސުވާލު އުފައްދާ ކަމަށް ޝިޔާމް ވިދާޅުވިއެެވެ.

"ނާގާބިލު ރައީސަކު، ނާގާބިލު ޓީމެއް ގޮވައިގެން އައިސް ކުރަމުންދާ ކަންކަން އަޅުގަނޑުމެންނަށް އެބަ ފެނޭ. ދިވެހި ގައުމު ބަނޑަށް ޖައްސައިފި. ދިވެހި ރައްޔިތުން ބަނޑަށް ޖައްސައިފި." ޝިޔާމް ވިދާޅުވި އެވެ.

ހަރަދަށް ޒިންމާވާ ގާނޫނުގެ މާއްދާތަކާ އަކުރުތަކުގެ ބަދަލުގައި މިހާރު ރައްޔިތުންގެ ބޮލުގައި ދަރަނި އަޅުވަމުންދާތީ ސަސްޕެންޑު ކުރަންޖެހެނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށް ވިދާޅުވެ ޝިޔާމް ވަނީ އެމަނިކުފާނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެެވެ.



"ރައްޔިތުން ބޮލުގަ ދަރަނި އަޅުވަމުން މިދަނީ. ރައީސުލްޖުމްހޫރިއްޔާ ސަސްޕެންޑުކުރަން އެބަޖެހޭ. ރައީސުލްޖުމްހޫރިއްޔާ އެބަޖެހޭ އިސްތިއުފާ ދެއްވަން." ޝިޔާމް ވިދާޅުވި އެވެ.

މީގެ އިތުރުން ޝިޔާމް ވިދާޅުވީ، ރާއްޖޭގެ ދަރަނި މެނޭޖްކުރަން ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ "ނާގާބިލު" ޓީމަށް ނޭނގޭ ކަމަށެވެ. އެކަމަށް ދުނިޔޭގެ މާލީ އިދާރާތަކުން ޖޯކް ޖަހަމުންދާ ކަމަށް ޝިޔާމް ވިދާޅުވިއެެވެ. ޝިޔާމް ވިދާޅުވީ މާލީ އިދާރާތަކުން ސަރުކާރަށް އޮތް އިތުބާރު މަޑުމަޑުން ގެއްލެމުންދާ ކަމަށެވެ.



"އިންޑިއަން އެގްޒިމް ބޭންކުން މިއަދު ދެވަނަ ވިސްނުމަކަށް ދަނީ ދިވެހިރާއްޖޭގެ ދަރަނި މެނޭޖު ނުކުރެވޭތީ. ޗެނަލް ކުރެވިފަ ހުރި ބައެއް ފެސިލިޓީތައް މިހާރު ދިނުމާ ދޭތެރޭ އިންޑިއަން އެގްޒިމް ބޭންކުން އެ ދަނީ މިހާރު ވިސްނަމުން. ވަރަށް ރަނގަޅަށް އެބަޖެހޭ މިކަމާ ދޭތެރޭ ވިސްނާ މިއަށް ގޮތެއް ނިންމަން." ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް އިތުރަށް ވިދާޅުވީ، ރައީސް ސޯލިހަކީ މިހާރު އޮތް ރިޔާސީ ނިޒާމަށް ހުތުރުވާ ގޮތަށް ވެރިކަންކުރައްވާ ރައީސެއް ކަމަށެވެ. އަދި ރިޔާސީ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު، ރައީސް ސޯލިހު ގެއްލުވާލާފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެެވެ. ކިތަންމެ ރީތި ނިޒާމެއް ގެނައި ނަމަވެސް، އިހްލާސްތެރިކަން ނެތް ކަމަށްވާނަމަ އެއިން ވާނެ ފައިދާއެއް ނެތްކަމަށް ޝިޔާމް ވިދާޅުވިއެެވެ.

"ބަރުލަމާނީ ނިޒާމު ވެސް ގެނެވިދާނެ. އެކަމަކު އޮންނަން މި ޖެހެނީ އިހްލާސްތެރި ހިތެއް. ތެދުވެރި ނިޔަތެއް. އެ ނެތިއްޔާ ކޮންމެ ނިޒާމެއް ވެސް ވާނީ ފެއިލް. ވަކިން ހާއްސަކޮށް މި ކަހަލަ ނާގާބިލު ވެރިން ލައިގެން ވާނީ ފެއިލް." ޝިޔާމް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން