ޝާހިދު ކުވެއިތުގެ ބޮޑުވަޒީރާއި ބައްދަލުކުރައްވަނީ
ޝާހިދު ކުވެއިތުގެ ބޮޑުވަޒީރާއި ބައްދަލުކުރައްވަނީ
މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު، ކުވައިތުގެ ބޮޑުވަޒީރު ޝައިޚް ސަބާޙް ޚާލިދު އަލް ޙަމަދު އަލް ސަބާޙާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް، ކުވައިތުގެ އަމީރު ޝައިޚް ނަވާފް އަލް އަޙްމަދު އަލް ޖާބިރް އަލް ސަބާޙްއަށް ފޮނުއްވި ސިޓީފުޅެއް، މިނިސްޓަރ ޝާހިދު ވަނީ ބޮޑުވަޒީރަށް އަރުވާފައެވެ.

މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން ކުވައިތުގެ ބޮޑުވަޒީރަށާއި ރައްޔިތުންނަށް ހެޔޮ އެދުންތައް އަރިސްކުރައްވާފައެވެ. އަދި ދެޤައުމުގެ މެދުގައި އޮންނަ އަޚުވަންތަ ގުޅުމަކީ އެއް ޤައުމުން އަނެއް ޤައުމަށް ކުރާ އިތުބާރާއި ޤަދަރުގެ މައްޗަށް ބިނާވެގެންވާ، ދީނީ އަދި ސަޤާފީ ގުޅުމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި ދިވެހިރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް ކުވައިތު ފަންޑް ފޮރ އަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓާއި ކުވައިތުގެ ސަރުކާރުން އަބަދުވެސް ފޯރުކޮށްދެއްވަމުންދާ އެހީތެރިކަމަށްޓަކައި މިނިސްޓަރ ޝާހިދު ޝުކުރު އަދާކުރެއްވިއެވެ.

ކޮވިޑް-19ގެ ސަބަބުން ރާއްޖެއަށް ކުރި ނުރަނގަޅު އަސަރުތަކާއި އަދި ބަލިމަޑުކަމުން އަރައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އެޅުއްވި ފިޔަވަޅުތަކާ ބެހޭ މައުލޫމާތު، ކުވައިތުގެ ބޮޑުވަޒީރާ މިނިސްޓަރ ޝާހިދު ހިއްސާކުރެއްވިއެވެ.

ކުވައިތުގެ ބޮޑުވަޒީރުގެ ވާހަކަފުޅުގައި، ކޮވިޑް-19 އިން ރައްކާތެރިވުމަށާއި، ބަލިމަޑުކަމުން އަރައިގަނެ، އިޤްތިޞާދު ހުޅުވާލައި އަދި ފަތުރުވެރިކަން އަލުން ކޮޅަށް ޖެހުމަށް ދިވެހި ސަރުކާރުން ކުރެއްވި މަސައްކަތްތަކަށް ތައުރީފްކުރެއްވިއެވެ. އަދި ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ކުރިއެރުވުމަށް ކުވައިތު ސަރުކާރުން މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވައި، ކުރިއަށް އޮތްތަނުގައިވެސް ކުވައިތު ފަންޑުގެ އެހީތެރިކަން ރާއްޖެއަށް ލިބޭނެކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ދެޤައުމުގެ ގުޅުން ބަދަހިކޮށް، ބައިނަލްއަޤްވާމީ މަސްރަހުގައި އެކުގައި ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން