ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ ހަމަތަކުން އިސްތިސްނާ ކުރުމުގެ ހުއްދަތަކުގެ މުއްދަތު އިތުރުކުރަން ފިނޭންސް މިނިސްޓްރީގެ ފަރާތުން ހުށަހެޅި ހުށަހެޅުމަށް ގޮތެއް ނުނިމުނީ ނުފޫޒު ފޯރުވައި ވަކިގޮތަކަށް ކަން ކުރަން އުޅުމުން ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރ އަދި މެދުހެންވޭރު ދާއިރާގެ މެމްބަރ އަލީ އާޒިމް މިރޭ ވިދާޅުވެއްޖެއެވެ.

އާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅި ހުށަހެޅުމަށް ގޮތެއް ނުނިމި ދިޔައީ ސަރުކާރުގައި ހިމެނިވަޑައިގަންނަވާ ބައެއް ވަޒީރުން، މަޖިލީހުގެ އެމްޑީޕީ ލީޑަރޝިޕާ މަޝްވަރާ ކުރުމުގެ ބަދަލުގައި ބައެއް މެމްބަރުންނަށް ނުފޫޒު ފޯރުވައި ވަގި ގޮތަކަށް ކަންކަން ކުރަން އުޅުމުން ކަމަށެވެ.

"މިގޮތަށް ކަންކަން ނުކުރެއްވުމަށް އެފަދަ ވަޒީރުންނަށް ދަންނަވަން." އާޒިމް ވިދާޅުވިއެވެ.

ހުއްދައިގެ މުއްދަތު އިތުރު ކުރުމަށް ފިނޭންސުން މަޖިލީހުގައި އެދިފައިވަނީ އެ މުއްދަތު ހަމަވާން މަދު ދުވަސްކޮޅަކަށް ވެފައިވަނިކޮށް ހޯމަ ދުވަހުއެވެ.



މަޖިލީހަށް ހުށަހެޅޭ މައްސަލަތަކުގައި އިތުރު ހުށަހެޅުމެއް ނެތްނަމަ އެ މައްސަލައެއް ކަމާއި ގުޅުންހުރި ކޮމެޓީއަކަށް ފޮނުވުމަށް ވޯޓަށް އަހައެވެ. އަދި އެ މައްސަލައެއް ދިރާސާކުރުމަށް ކަމާއި ގުޅުން ހުރި ކޮމެޓީއަކަށް ފޮނުވުމަކީ މީގެ ކުރިން މަޖިލީހުން އަމަލުކުރާ އުސޫލެވެ.



ނަމަވެސް އަންގާރަ ދުވަހުގެ ޖަލްސާގައި ވޯޓަށް އެހީ އެ މައްސަލަ އާއި ގުޅިގެން ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފް ހުށަހެޅުއްވި ހުށަހެޅުއްވުމަށް އެކަނިކަން ފާހަގަކޮޮށްލެވެއެވެ.

އެ ހުށައެޅުން ފާސްނުވުމުން އެކަމާއި މެދު މަޖިލީހުން ވަކިގޮތެއް ނުނިމުނު ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. މަޖިލީހުގެ އެ ނިއްމުމާއި މެދު މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ.

އިސްތިސްނާގެ މުއްދަތު އިތުރުކުރަން ފިނޭންސުން އެދިފައިވަނީ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގައި ކަނޑައަޅާފައިވާ ބައެއް ފިސްކަލް ހަމަތަކަށް އަމަލުކުރުމަކީ ރާއްޖޭގެ އިޤްތިސާދީ އަދި މާލީ ހާލަތު ތަންދޭ ކަމެއް ކަމަށް ނުފެންނާތީ ކަމަށް ބުނެ އެވެ. ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) އާއި، (ރ) އަދި (ބ) ގައި ބަޔާންކޮށްފައިވާ އުސޫލުތަކާއި ހަމަތަކަށް ތަބާވުން 26 އޭޕްރީލް 2020 އިން ފެށިގެން އެއް އަހަރު ދުވަހަށް އިސްތިސްނާކުރުމަށް ދީފައިވާ ހުއްދަ މިމަހުގެ 26 ވަނަ ދުވަހަށް ހަމަވާނެއެވެ. އެ ހުއްދައިގެ ދަށުން ދައުލަތުގެ ޚަރަދުތަކަށް ބޭނުންވާ ކޭޝް ފްލޯ ހޯދުމަށްޓަކައި އެމްއެމްއޭއިން 4.2 ބިލިއަން ރުފިޔާގެ ދަރަނި ވަނީ ސަރުކާރަށް ދޫކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން