ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މަޤާމުން ވަކިކުރުމާ ގުޅޭ ގޮތުން މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުން މަޝްވަރާކުރަމުން ގެންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު (ޓޮމް) ވިދާޅުވެއްޖެއެވެ.

ޓޮމް މިހެން ވިދާޅުވީ މަރުކަޒީ ބޭންކް އެމްއެމްއޭގައިވާ ޕަބްލިކް އެކައުންޓުން އޯވަ ޑްރޯކުރުމަށް (ފައިސާ އިތުރަށް ޗާޕްކުރުމަށް) ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކުރަން އިއްޔެ ހުށަހެޅި ހުށަހެޅުމާ މެދު ގޮތެއް ނުނިމި، ރައްޔިތުންގެ މަޖިލީހުން އެ މައްސަލަ ބޭރުވެފައިވާ ކަަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދުގެ ޖަލްސާގައި އިއުލާން ކުރެއްވުމުން އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން ހިތްހަމަނުޖެހުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.



މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލައެއް ވެއްދުމަށް އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ތެރޭގައި މަޝްވަރާ ކުރަން ފަށައިފައިވާ ކަމަށެވެ.

"ނަގޫ ގޮއްމިޖެހެނީ އެބޭފުޅުން އެބޭފުޅުންނާ." ތާރިގް ވިދާޅުވިއެވެ.

https://twitter.com/AhmedThaariq/status/1384533738126643206?s=19

އެމްޑީޕީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވިދާޅުވީ ފައިސާ ޗާޕް ކުރުމުގެ މައްސަލައޮގައި މަޖިލީހުން ގޮތެއް ނުނިންމި ބޭރުކޮށްލީ ސަރުކާރުގެ ބައެއް ވަޒީރުން، މަޖިލީސްގެ އެމްޑީޕީގެ ލީޑަރ ޝިޕާއި މަޝްވަރާ ކުރުމުގެ ބަދަލުގައި ބައެއް މަޖިލިސް މެންބަރުންނަށް ނުފޫޒު ފޯރުވާ ވަކި ގޮތަކަށް ކަންކަން ކުރަން އުޅުމުން ކަމަށެވެ.



ފައިސާ ޗާޕުކުރުމާއި ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނުނޫގެ ބައެއް މާއްދާތަކަށް އަމަލުކުރުން މަޑުޖައްސާލުމަށް މަޖިލީހުން މިދިޔަ އަހަރު ނިންމާފައި އޮތް އެއް އަހަރު ދުވަހުގެ މުއްދަތު، މިމަހުގެ 26 ވަނަ ދުވަހަށް ހަމަވާނެއެވެ. ސަރުކާރަށް ދީފައިވާ އެ ހުއްދައިގެ މުއްދަތު އިތުރުކުރަން އިއްޔެ ސަރުކާރުން ހުށަހެޅި ހުށަހެޅުމާ މެދު ގޮތެއް ނިންމަން ހުށަހެޅުމުން މިއަދު ވަނީ އެމައްސަލައިގައި ގޮތެއް ނުނިންމާ މަޖިލީހުން ބޭރުކޮށްލާފައެވެ.

މިމައްސަލަ ބޭރުވީ ހާއްސަ ކޮމިޓީއެއް ނަގައިގެން އެ މައްސަލަ ދިރާސާކުރުމަށް ހުށަހެޅި ހުށަހެޅުން ފާސްނުވުމުންނެވެ.

މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ ހުށަހެޅުމާމެދު މި މަހުގެ 26 ވަނަ ދުވަހުގެ ކުރިން މަޖިލީހުން ވަކި ގޮތެއް ނިންމެވުމަށްފަހު ޖަވާބެއް ދޭންޖެހޭކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން