ރާއްޖޭގެ ތައުލީމީ ނިޒާމް އިސްލާހު ނުކޮށް ކޮންމެ ނިޒާމެއް ގެނައި ނަމަވެސް އޮންނާނީ "ހިކަރީ ޑިކަރީ ޑޮކް" ނިޒާމް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަދި އދ. ގެ ސްޕެޝަލް ރެޕަޓުއާ ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

ޑރ. އަހުމަދު ޝަހީދު މިހެން ވިދާޅުވީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ރައީސް ސޯލިހަށް ހުށައެޅުއްވުމާއި ގުޅިގެން ނިޒާމް ބަދަލުކުރުމުގެ ބަހުސެއް ފެށިފައިވާ ދަނޑިވަޅެއްގައެވެ. ޑރ. އަހުމަދު ޝަހީދު ވިދާޅުވީ، ރާއްޖޭގެ ތައުލީމީ ނިޒާމް އިސްލާހު ނުކޮށް ކޮންމެ ނިޒާމެއް ގެނައި ނަމަވެސް އޮންނާނީ "ހިކަރީ ޑިކަރީ ޑޮކް" ނިޒާމް ކަމަށާއި، އެއީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ރާއްޖޭގެ ވެރިކަން ވެއްޓޭ ނުވަތަ ބަދަލުވާ ނިޒާމެއް ކަމަށެވެ.

"ފަހަރަކު މީހަކު ވެރިކަމަށް އަރާ ކުޑަ ހިނދުކޮޅަކުން ވެރިކަން ވެއްޓޭ ނިޒާމް، ކަންހިގާގޮތް ބަދަލުނުވެ ގައުމު ހަލާކުވާ ނިޒާމް." ޑރ.ޝަހީދު ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ސަރުކާރަށް ހުށައެޅުއްވުމާއި ގުޅިގެން ރައީސް ސޯލިހް ވަނީ ރައްޔިތުންގެ ވޯޓަކާއި ނުލައި އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ވިދާޅުވެފައެެވެ. ރައީސް ޞާލިހުގެ މިޖަވާބާއެކު ރައީސް ނަޝީދުވެސް ވިދާޅުވެފައި ވަނީ ރައްޔިތުންގެ ވޯޓުކާއި ނުލައި އެކަން ނުކުރެވޭނެ ކަމަށް އެމަނިކުފާނުވެސް ގަބޫލުފުޅު ކުރަށްވާ ކަމުގައި ވިދާޅުވެފައެވެ.

2008 ވަނަ އަހަރު ރާއްޖެއަށް ތަޢާރަފު ކުރެވުނު ޒަމާނީ ޑިމޮކްރެސީގެ ނިޒާމަށް ދިވެހިން އަދި އަހުލުވެރި ނުވާކަމަށް ކަމުގެ ތަޖުރިބާކާރު ގިނަ ބަޔަކު ބުނެއެވެ. އެގޮތުން ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހަރަކާތްތެރިވާ ގިނަބަޔަކު ގަބޫލުކުރާ ގޮތުގައި ޒަމާނީ ޑިމޮކްރެސީގެ ނިޒާމަކީ އަބަދުވެސް އިދިކޮޅުގައި ތިބޭ ބަޔަކު ސަރުކާރާއި ދެކޮޅަށް ނުކުމެ މުޒާހަރާކޮށް އަވަހަށް ސަރުކާރު ވައްޓާލައި އަނެއް ބަޔަކު ވެރިކަމަށް އެރޭގޮތަށް ކަންކަން ފަހިވެފައި އޮންނަންޖެހޭ ނިޒާމެއް ކަމަށެވެ. އެހެންކަމުން ސަރުކާރުގައި ތިބޭ ބަޔަކު ޖަވާބުދާރީކޮށް ކަންކަން އިސްލާހު ކުރަން މަސައްކަތް ކުރުމުގެ ބަދަލުގައި ރާއްޖޭގައި މިހާރު ހިނގާ ޑިމޮކްރެސީ ނިޒާމުގެ ތެރެއިން މަސައްކަތް ކުރާތަން ފެންނަނީ ސަރުކާރާއި ނުރުހޭ ނުވަތަ އިދިކޮޅުގައި ތިބޭ ބަޔަކު ނުކުމެ ސަރުކާރު ވައްޓާލަން އުޅޭ މަންޒަރު ކަމުގައި މިނިޒާމަށް އަހުލުވެރި ފަރާތްތަކުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން