ރާއްޖޭގައި މިހާރު ފެނިގެންދަނީ ވެރިކަމުގެ ދަހިވެތި ކަމުގައި ރައްޔިތުން ކަނޑު ފައްތަންވެސް ބަޔަކު ތައްޔާރަށް ތިބިތަންކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ މެމްބަރު އިބްރާހިމް ޝަރީފް މިހެން ވިދާޅުވީ، އޮންލައިން ޓީވީ ޕްރޮގުރާމެއްގައި މިރޭ ވާހަކަ ދައްކަވަމުންނެވެ. ޝަރީފް ވިދާޅުވީ، މިހާރު މިފެންނަނީ ބަޔަކު ވެރިކަމުގެ ދަހިވެތި ކަމުގައި ރައްޔިތުން ކަނޑު ފައްތަން ތައްޔާރަށް ބަޔަކު ތިބި ތަން ކަމަށެވެ. ޝަރީފު ވިދާޅުވީ މަޖިލިސް ލީޑަރޝިޕުން އަމަލުކުރައްވަނީ ޒިންމާދާރުކޮށް ނޫންކަމަށެވެ. މިއީ އަދި ރިޔާސީ ނިޒާމްގައި ރައްޔިތުންގެ މަޖިލީހުން ކަންކުރާ ގޮތް ކަމަށާއި، ބަރުލަމާނީ ނިޒާމެއްނަމަ ރައްޔިތުން އުލު ބައިންދާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

"އަޅުގަނޑަށް މިފެންނަނީ ވެރިކަމުގެ ދަހިވެތި ކަމުގައި ބައެއް މީހުން ރައްޔިތުން ކަނޑު ފައްތަން ވެސް ތައްޔާރަށް ތިބި ތަން. މިއީ ވަރަށް ހިތާމަހުރި ކަމެއް، ތިމާމެންގެ އަމިއްލަ އެދުންތަކާއި ބާރު ހޯދަން ފެން ބޮވައިގެން މުޅި ނިޒާމް ސުންނާފަތިކޮށް ރައްޔިތުން ބަނޑަށް ޖެހުނަސް އިގްތިސާދު ފުން ވަޅުގަނޑަށް ވައްޓާލަން ވަރިހަމަވެގެން އުޅެނީ." ރާއްޖޭގެ ވަރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ބޮޑުވަޒީރުގެ މަގާމަށް ވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މަސައްކަތް ފަށްޓަވާފައިވާތީ އެކަމަށް އިޝާރާތް ކުރަށްވައި ވަކި ބޭފުޅެއްގެ ނަން ވިދާޅުވެ އެކަމަށް ފާޑުވިދާޅުވަމުން ޝަރީފް މިރޭ ވިދާޅުވިއެވެ.

މީގެ އިތުރުން ޝަރީފު ވިދާޅުވީ ރައްޔިތުންގެ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމާއި އިގްތިސާދީ ފުންވަޅުގަނޑުން އަރައިގަތުމަށް ދައުލަތުގެ ޚަރަދުތައް ފޫބޭއްދުމަށް ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ ހަމަތަކުން އިސްތިސްނާ ކުރުމުގެ ހުއްދަތަކުގެ މުއްދަތު އިތުރުކުރަން ފިނޭންސް މިނިސްޓްރީގެ ފަރާތުން ހުށަހެޅި ހުށައެޅުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕްގައި މަޝްވަރާ ކޮށްފައިނުވާ ކަމަށެވެ. ފިނޭންސް މިނިސްޓަރު ހުށައެޅުއްވި ހުށައެޅުއްވުން މަޖިލީހުން ބޭރުކޮށްލުމަކީ ރައީސް ސޯލިހަށް ކުރި ޖެއްސުމެއް ނޫން ކަމަށާއި އެއީ ދިވެހި ރައްޔިތުންނަށް "ހަރާންކޯރުވުން" ކަމަށް ޝަރީފް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނާއި މަޝްވަރާ ނުކުރީ ޕީޖީ ލީޑަރޭ އިގޭތޯ، ނުކޮށް ބަހައްޓާފައި ކޮން ވާހަކަ އެއްތޯ މި ދައްކަނީ އަޅުގަނޑުމެން؟ މިއަދަކީ ކަޅު ދުވަހެކޭ، ރައްޔިތުން ބަނޑަށް ޖައްސަނީއޭ ކިޔާތީ އެއިން ބަޗައިގަންނަން ދައްކާ ވާހަކައެއްނޫންތޯ؟ ސަރުކާރުން އޮތީ މަޝްވަރާއަށް އެދިފަ." ޝަރީފް ވިދާޅުވިއެެވެ.

ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ ހަމަތަކުން އިސްތިސްނާ ކުރުމުގެ ހުއްދަތަކުގެ މުއްދަތު އިތުރުކުރަން ފިނޭންސް މިނިސްޓްރީގެ ފަރާތުން ހުށަހެޅި ހުށަހެޅުމަށް ގޮތެއް ނުނިމުނީ ނުފޫޒު ފޯރުވައި ވަކިގޮތަކަށް ކަންކުރަން އުޅުމުން ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރ އަދި މެދުހެންވޭރު ދާއިރާގެ މެމްބަރ އަލީ އާޒިމް މިރޭ ވަނީ ވިދާޅުވެފައެެވެ. އާޒިމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅި ހުށަހެޅުމަށް ގޮތެއް ނުނިމި ދިޔައީ ސަރުކާރުގައި ހިމެނިވަޑައިގަންނަވާ ބައެއް ވަޒީރުން، މަޖިލީހުގެ އެމްޑީޕީ ލީޑަރޝިޕާ މަޝްވަރާ ކުރުމުގެ ބަދަލުގައި ބައެއް މެމްބަރުންނަށް ނުފޫޒު ފޯރުވައި ވަކި ގޮތަކަށް ކަންކަން ކުރަން އުޅުމުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން