7 ފެބްރުއަރީ 2012 ގައި ރައީސުލްޖުމްހޫރިއްޔާގެ މަޤާމުން އިސްތިއުފާދޭން ރައީސް މުޙައްމަދު ނަޝީދަށް މަޖުބޫރުކުރުވިނަމަ މިއަދު އެކަން ތަހުޤީޤްކުރާނެކަމަށް ރިޓަޔާޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޑރ. އަހުމަދު ފައިރޫޝް ވިދާޅުވެއްޖެއެވެ.

7 ފެބްރުއަރީގައި ފުލުުހުންގެ އެކްޓިންގ ކޮމިޝަނަރަކަށް ހުންނެވި ފައިރޫޝް ކުރެއްވި ޓްވީޓެެއްގައި ވިދާޅުވީ 7 ފެބްރުއަރީ 2012ގައި ރައީސް ނަޝީދު އިސްތިއުފާދެއްވީ ޤައުމު ބޮޑު ހަމަނުޖެހުމަކަށް ވައްޓާލުމަށްފަހުކަމަށެވެ. އަދި އެމަނިކުފާނު އިސްތިއުފާދެއްވީ މަޖުބޫރުންކަމަށްވާނަމަ، މިއަދު އެކަންކަން ތަހުޤީޤްކުރީސްކަމަށް ފައިރޫޝް ވިދާޅުވިއެވެ.



ފައިރޫޝަކީ 7 ފެބްރުއަރީގައި ރައީސް ނަޝީދު އިސްތިއުފާދެއްވުމުގެ ކުރިން ވަގުތީގޮތުން ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް އައްޔަންކޮށް އެމަގާމާއި ހަވާލުހުންނެވި ބޭފުޅާއެވެ. ނަމަވެސް ރައީސް ޔާމީންގެ ވެރިކަމުގައި 23 އޮކްޓޯބަރ 2017 ގައި އޭނާ ވަނީ ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައެވެ. ނަމަވެސް މިސަރުކާރުން ވަނީ އޭނާއަށް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމާއެކު 2019 ވަނަ އަހަރުގެ ޖެނުއަރީމަހު އަލުން ވަޒީފާ ދެއްވާފައެވެ. އަލުން ވަޒީފާ ދެއްވާފައިވަނިކޮށް އޭނާވަނީ މިއަހަރުގެ ޖެނުއަރީމަހު ޝަރަފުވެރިކަމާއެކު ފުލުހުންގެ ޚިދުމަތުން ރިޓަޔަރކުރައްވާފައެވެ.

އޭނާ ރިޓަޔަރ ކުރެއްވުމުން އެމައްސަލަ ރައްޔިތުންގެ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ، 241 ކޮމެޓީއަށް ވަނީ ހުށަހަޅާފައެވެ.

241 ކޮމެޓީއަށް ފައިރޫޝްގެ މައްސަލަ ހުށަހަޅުއްވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި ރައީސް ނަޝީދު މި މައްސަލަ ހުށަހަޅުއްވާފައިވަނީ ދާދިފަހުން އެކުލަވާލި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު ފާސްކޮށް، ތަސްދީގު ކުރައްވާފައިވަނިކޮށް، އެ ޤާނޫނުގައިވާގޮތުގެ މަތިން ނޫނީ ފުލުހުންގެ އޮފިސަރަކަށް ރިޓަޔަރ ނުކުރެއްވޭނެ ކަމުގައި ދެކެވަޑައިގަންނަވާތީއެވެ.

އެމްޑީޕީގެ ގިނަ މެންބަރުން ގަބޫލުކުރާ ގޮތުގައި ފައިރޫޝަކީ ހަތެއް ފެބްރުއަރީގެ ހަރަކާތްތަކުގައި އިސްދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. ފުލުހުންގެ އާ ގާނޫނު އެކުލަވާލުމުގައި ހަތެއް ފެބްރުއަރީގައި ހިނގާދިޔަ ހާދިސާ އަލުން ބެލުމަށް މަގުފަހިކޮށްދީފައިވެއެވެ.

ފައިރޫޝް ރިޓަޔަރ ކުރެއްވީ ފުލުހުންގެ އާ ގާނޫނުން ހަތެއް ފެބްރިއަރީގެ ހާދިސާ އަލުން ތަހުގީގުކުރުމަށް މަގުފަހިކޮށްދޭތީ އެކަމުން ސަލާމަތް ވުމަށް ކަމަށް ކުރާތުހުމަތު ތަކާއި ގުޅިގެން ފައިރޫޝް ވިދާޅުވެފައިވަނީ އޭނާ މަގާމުން ރިޓަޔާ ކުރަށްވަން ހުށައެޅުއްވީ އެގާނޫނު ވުޖޫދުވުމުގެ މާ ކުރިން ކަމަށެވެ. މިމައްސަލައިގައި ހަތެއް ފެބްރިއަރީގެ ހާދިސާގެ މޭސްތިރީގެ ގޮތުގައި ސިފަކުރާ މިހާރުގެ ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުވެސް ކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން