އޯވަރ ޑްރާފްޓްގެ މުއްދަތު އިތުރުކޮށްގެން ރާއްޖޭގެ އިންފްލޭޝަން މަތިވާނެކަމަށް ގަބޫލު ނުކުރައްވާކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.

އިތުރަށް ފައިސާ ޗާޕްކުރަން ސަރުކާރަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކޮށްދޭން ފިނޭންސް މިނިސްޓްރީން އެެދިފައިވާ މައްސަލައިގައި އެކުލަވާލި މަޖިލީހުގެ ހާއްސަ ކޮމިޓީގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ކޮވިޑުގެ ތެރޭގައި ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ސަބަބުން އިންފްލޭޝަން ރޭޓް މިވަގުތު ހުރީ މައިނަސްގައި ކަމަށެވެ. އެހެންކަމުން، އޯވަރ ޑްރާފްޓްގެ އިތުރުކޮށްގެން އަގުތައް މަތިވާނެކަމަށް ގަބޫލު ނުކުރައްވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިގްތިސޯދު ރަނގަޅު ކުރަން އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާ ފެންނަން ފަށައިފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު އަމީރު ވިދާޅުވީ ކޮވިޑު އައުމުގެ ކުރިން ރާއްޖޭގެ އިގުތިސާދު އޮތް ހަމައާ ދާދިގާތަށް މިއަހަރު ދެވޭނެ ކަމަށެވެ. އޯވަރ ޑްރާފްޓްގެ މުއްދަތު އިތުރުކުރުން ގާނޫނުގައި ބުނާ ގޮތުން، މަޖިލީހަށް އިސްތިސްނާ ކުރެވެނީ ގުދުރަތީ ނޫނީ އިގްތިސޯދީ ކާރިސާތަކުގެ ދަނޑިވަޅުތަކުގައި ކަމަށްވާއިރު، އެ ހާލަތު އަދި ދެމިއެބައޮތް ކަމަށް އަމީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ދައުލަތުގެ ކޭޝްފްލޯ މެނޭޖް ކުރުމަށްޓަކައި ސަރުކާރުން، މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އޯވާޑްރާފްޓް ފެސިލިޓީގެ ދަށުން ނަގާފައިވާ 4.4 ބިލިއަން ރުފިޔާ މި އަހަރުގެ ނިޔަލަށް އަދާކޮށް ނިމޭނެކަމަށެވެ.



ކޮވިޑާ ގުޅިގެން ދައުލަތުގެ އާމްދަނީ ދަށްވެފައިވާއިރު، އެ އަނބުރާ އަދާ ކުރެވޭނެ ގޮތްތަކާމެދު މެމްބަރުން ކުރެއްވި ސުވާލު ތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މިހާރު ހުއްދަ ދީފައިވާ އަދަދަށްވުރެ އިތުރަށް ފައިސާ އޯވާޑްރޯ ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެކަމަށް މަރުކަޒީ ބޭންކުން ޖާގަ ނުދޭނެ ކަމަށާއި އެކަން ކުރަން މިނިސްޓްރީންވެސް ގަސްދު ނުކުރާކަމަށް މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

"އާމްދަނީ ލިބެމުންދާ ވަރަކަށް އެ ފައިސާ އޮޓަމެޓިކުން އަދާވަމުންދާނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ކޮވިޑުގެ ކުރިން އިގުތިސޯދު އޮތް ހާލަތަށް އެނބުރި ދާނެކަމަށް ދުނިޔޭގެ މާލީ އިދާރާތަކުން ވެސް ލަފާކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އޯވާޑްރޯ ކުރި އަދަދު މިއަހަރުގެ ނިޔަލަށް އަނބުރާ ދެއްކޭނެކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ދެއްވާފައެވެ.

"އެ ފައިސާ ލިބޭ އާމްދަނީން ކެނޑެމުން ގޮސް، އަހަރު ނިމޭއިރު އެ މުޅިން ޒީރޯއަށް ހެދޭނެ،" އަމީރު ވިދާޅުވި އެވެ.

ސިއްހީ ކާރިސާއެއްގެ ތެރެއިން މަރުކަޒީ ބޭންކުން ދަރަންޏަށް ފައިސާ ނަގަނީ އިތުރު ގޮތެއް ނެތިގެން ކަމަށް އަމީރު ވިދާޅުވިއެވެ. އެ ހާލަތުގައި އެނަގާ ފައިސާއަކަށް އިންޓަރެސްޓް ޗާޖުކުރުމަކީ ދެކޮޅުޖެހޭ ކަމެއް ނޫންކަމަށް އަމީރު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރުގެ އިތުރުން އެމްއެމްއޭގެ ގަވަރުނަރު އަދި އޮޑިޓާ ޖެނެރަލްވެސް މިއަދު ވަނީ ކޮމިޓީއަށް ހާޒިރުކޮށް މައުލޫމާތު ސާފުކޮށްފައެވެ. އަދި ކޮމިޓީގެ މަސައްކަތް މިރޭގެ ނިޔަލަށް ނިންމައި، ކޮމިޓީގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ފޮނުވަން ކޮމިޓީން ވަނީ ނިއްމާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ރުހުން ލިބިއްޖެނަމަ މާދަމާ ޖަލްސާއެއް ބާއްވައި، މައްސަލަ ނިންމަވާ ދެއްވާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން