އޯޑީ ފެސިލިޓީގެ މުއްދަތު އިތުރުކުރުމަށް ފާސް ކުރުމުގެ ކުރިން އެ މުއްދަތުގެ ތެރޭގައި އެފައިސާ އަނބުރާ ދެއްކޭނެ ޕްލޭނެއް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގައި މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އެދިއްޖެއެވެ.

އެމްއެމްއޭގެ ޕަބްލިކް އެކައުންޓުން އޯވަޑްރޯ ކުރުމަށް ނުވަތަ އިތުރަށް ފައިސާ ޗާޕްކުރަން ސަރުކާރަށް ދީފައިވާ ހުއްދައިގެ މުއްދަތު އިތުރުކޮށްދޭން ފިނޭންސް މިނިސްޓްރީން އެެދިފައިވާ މައްސަލަ ބަލާ މަޖިލީހުގެ ވަގުތީ ކޮމިޓީގައި ވާހަކަ ދައްކަވަމުން އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރު އަހުމަދު އިމާދު ވަނީ އޯޑީ ފެސިލިޓީގެ މުއްދަތު އިތުރުކުރުމަށް ފާސް ކުރުމުގެ ކުރިން އެ މުއްދަތުގެ ތެރޭގައި އެފައިސާ އަނބުރާ ދެއްކޭނެ ޕްލޭނެއް ހޯދުމަށް އެދިވަޑައިގެންފައެވެ. އަދި އެ މުއްދަތުގައި ކަންކަން ބެލޭނެ އިންތިޒާމު ވެސް ހަމަޖެހިފައި ހުރިތޯ ބަލަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މުއްދަތު އިތުރުކުރުމުގައި، ރާއްޖޭގެ އިގްތިސާދު މެދު ރާސްތާގައި އޮންނާނެ ގޮތާއި ދައުލަތުގެ ކޭޝް ފްލޯ ވެސް ބަލަން ޖެހޭނެ ކަމަށް އިމާދު ވިދާޅުވިއެވެ. އޯޑީ ފެސިލިޓީގެ އަދަދު ބޮޑު ކުރުމަކީ އެ އިދާރާ އިން ކަންބޮޑުވާ ކަމެއްކަން ހާމަކުރައްވަމުން އިމާދު ވިދާޅުވީ އެ އަދަދު ބޮޑުކޮށްފި ނަމަ އިގްތިސާދީގޮތުން ފޫނުބެއްދޭނެ ވަރުގެ ގެއްލުން ލިބޭނެ ކަމަށެވެ.

"ދައުލަތުގެ ހަރަދު ހޯދުމުގައި ވެސް އަގުބޮޑުވެގެން ދިއުމަކީ ވެސް މީގެ ސަބަބުން ދިމާވާނެ ކަމެއް،" އިމާދު ވިދާޅުވި އެވެ.

ކޮމެޓީގައި ވާހަކަ ދައްކަވަމުން ގަވަރުނަރު އަލީ ހާޝިމް ވަނީ ފައިސާ އަނބުރާ ނުދައްކާހުރެ މުއްދަތު ހަމަވާއިރު ބޮޑުއަދަދެއް ބާކީ ހުރިނަމަ އެ އަދަދު ދައްކަން އުނދަގޫވާނެ  ކަން ފާހަަގަކުރައްވާފައެވެ. އެހެންކަމުން އަހަރުގެ މެދުތެރެއިން ރިވިއު ކުރެވި ރީޕޭ ކުރާ ޕްލޭނެއް ހެދިފައި އޮތުން މުހިންމު ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

"މިސާލަކަށް އެންމެ ފަހު ކުއާޓަރާ ހަމައަށް އަންނައިރު އޯޑީ ފެސިލިޓީ ފުލްކޮށް އިނިއްޔާ ރީޕޭއެއް ނުކުރެވޭނެ" ގަވަރުނަރު ވިދާޅުވިއެވެ.

މިދިޔަ އަހަރު ފާސްކުރި އޯޑީ ފެސިލިޓީގެ މުއްދަތު މި މަހުގެ 26ވަނަ ދުވަހު ހަމަވާތީ ކޮވިޑް-19ގެ ހާލަތުން އަދިވެސް އަރައި ނުގަނެވޭތީ އެ މުއްދަތު އެއް އަހަރަށް އިތުރުކޮށްދިނުމަށް ފިނޭންސް މިނިސްޓްރީން މަޖިލީހުގައި ވަނީ އެދިފައެވެ. އޯޑީ ފެސިލިޓީގެ ގޮތުގައި މިދިޔަ އަހަރު މަޖިލީހުން 4.4 ބިލިއަން ރުފިޔާ ދިނުމަށް މަޖިލީހުން ވަނީ ފާސްކޮށްފައެވެ. މިހާތަނަށް ސަރުކާރުން ވަނީ މި ފެސިލިޓީގެ ދަށުން 3.8 ބިލިއަން ރުފިޔާ އިތުރަށް ޗާޕުކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން