އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް, ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ގޮވާލާ ޕީޕީއެމާއި ޕީއެންސީގެ ސަޕޯޓަރުން މިރޭ ވެސް އިހްތިޖާޖްކޮށްފިއެވެ.

އިދިކޮޅު ކޯލިޝަނުން ރައީސް ޔާމިން މިނިވަން ކުރުމަށް ގޮވާލާ މިރޭ އިރާކޮޅު އިހުތިޖާޖް ފަށައިފައިވަނީ ޕީޕީއެމް އޮފީސް ހިމެނޭ ސަރަހައްދުގައި ބޮޑު ތަކުރުފާނު މަގުގައެވެ. މި އިހުތިޖާޖުގައި އިދިކޮޅު ދެ ޕާޓީގެ އިސް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި އާންމުން ވަނީ ބައިވެރިވެފައެވެ.

އިހްތިޖާޖް ފެށުމުގެކުރިން އެސްއޯ ފުލުހުން ވަނީ ޕީޕިއެމް އޮފީސް ސަރަހައްދު ބެރިކޭޑް ޖަހައި ބަންދުކޮށްފައެވެ. ގިނަ އަދަދެއްގެ ފުލުހުން ޝީލްޑް ހިފައިގެންވެސް މަގު ބަންދުކޮށްގެން އެސަރަހައްދުގައި ހަރަކާތްތެރިވެފައިވެއެވެ. އެސަރަހައްދުން އިހުތިޖާޖްގެ ބައިވެރިންނަށް ފުލުހުން ހުރަސް އެޅުމުން އިހްތިޖާޖްގެ ބައިވެރިންނަށް މަގުތަކަށް ނުކުމެވޭ ގޮތް ވަނީ ނުވެފައެވެ.

އެހެން ރޭ ތަކާއި ޚިލާފަށް މިރޭ އިހުތިޖާޖުގެ ބައިވެރިން ތިބީ ރައީސް ޔާމީންގެ މޫނު ސިފަކޮށްދޭ މާސްކު އަޅައިގެންކަން ފާހަގަކޮށްލެވެއެވެ. ސުލްހަވެރިކަމާއެކު މިރޭ ކުރިއަށްދިޔަ އިހްތިޖާޖްގައި އެއްވެސް ހަމަނުޖެހުމެއް ހިގާފައެއް ނުވެއެވެ. އިހްތިޖާޖުން އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފައެއްވެސް ނުވެއެެވެ.



އިހްތިޖާޖްގައި ވާހަަކަ ދައްކަަވަމުން ކޯލިޝަން ހިންގެވުމުގައި އިސްކޮށް ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ރަމަޝާން މަހަކީ އެކަކު އަނެކަކަށް އިހްސާންތެރިވާންވީ މައްސަރު ކަމަށްވާއިރު، މިމާތް މައްސަރުގައި ރައީސް ޔާމިން ނުހައްގުން ޖަލުގައި ބަންދުކޮށްގެން މި ސަރުކާރުން އަނިޔާވެރިވަމުންދާ ކަމަށެވެ. ރައީސް ޔާމީން ވަގުތުން މިނިވަން ކުރުމަށް އަބުދުއްރަހީމް ވަނީ ގޮވާލައްވާފައެވެ.

ޕީޕީއެމްގެ ނާއިބު ރައީސް އަދި ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވީ، މިރޭ ފެށި އިހްތިޖާޖްތައް ދެން ނިއްމާލާނީ ރައީސް ޔާމިން ޖަލުން މިނިވަން ކުރުމަށްފަހު ކަމަށެވެ. 11 ޖަހާއެހާކަންހާއިރު ޕީޕީއެމްގެ އިހްތިޖާޖް ނިއްމާލާއިފައިވަނީ މާދަމާރޭވެސް ރައީސް ޔާމިން މިނިވަން ކުރުމަށް ގޮވާލާ އިހްތިޖާޖް ކުރާނެ ކަން އިއުލާން ކުރުމަށްފަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން