ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ އޮތް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ މަޖިލީސް މެންބަރުންގެ ތެރެއިން ގިނަ މެންބަރުން ބަރުލަމާނީ ނިޒާމާ ދެކޮޅުކަން ހާމަވެއްޖެއެވެ.

(އެމްޑީޕީ) ގެ މަޖިލީސް މެންބަރުންގެ ތެރެއިން ގިނަ މެންބަރުން ބަރުލަމާނީ ނިޒާމާ ދެކޮޅުކަން ހާމަވެފައިވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕްގައި ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރަނީ ކިތައް މެންބަރުންތޯ ބެލުމަށް ނެގުނު ޚިޔާލު ހޯދުމުގެ ވޯޓަކުންނެވެ. މެންބަރުންގެ ތާއީދު އޮތް ގޮތެއް ބެއްލެވުމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އިސްވެ ހުށައެޅުއްވުމުން މަޖިލީހުގެ އެމްޑީޕީ 65 މެންބަރުންގެ ތެރެއިން ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރައްވާ ކަން ހާމަކުރީ އޭގެ ތެރެއިން 23 މެންބަރުންނެވެ.

ސަރުކާރު އުވާލާ ރާއްޖޭގެ ހިންގުން ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަން ބޭނުންފުޅުވާ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް މެސެޖަކުން ހުށައަޅުއްވާފައެވެ. ރައީސް ނަޝީދުގެ މެސެޖުގައި ވިދާޅުވީ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރެއްވުމަށް ފެނިވަޑައިގަންނަވަނީ 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު ކަމަށެވެ. އަދި އޭގެ ފަހުން 2024 ވަނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ހަމައަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާނެ ބޭފުޅަކު އެމްޑީޕީގެ ސުޕަމެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ކަނޑައެޅުއްވުމަށް ރައީސް ނަޝީދު ވަނީ ރައީސް ސޯލިހަށް ހުށައަޅުއްވާފައެވެ.

ރައީސް އޮފީހުން އޭގެ ޖަވާބު ވެސް ރައީސް ނަޝީދަށް ވަނީ ދެއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒް ވިދާޅުވީ މިހާރު އަމަލު ކުރަމުންދާ ވެރިކަމުގެ ނިޒާމަކީ ރައްޔިތުންގެ ސީދާ ވޯޓަކުން އަމަލު ކުރުމަށް ނިންމާފައިވާ ގޮތެއް ކަމަށްވާތީ މިކަމަށް ބަދަލެއް ގެނެވޭނީވެސް އާންމު ރައްޔިތުންގެ ވޯޓަކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި އެފަދަ ވޯޓެއް ނަގަން ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅު ނުގެންގުޅުއްވާކަމަށް ވެސް މަބްރޫކް ވިދާޅުވެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު