ދިވެއްސަކަށް ކޮވިޑް ވެކްސިންގެ ތަފާތު ދެ ވައްތަރަކުން ދެ ޑޯޒް ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށްބުނާ މައްސަލައެއް ފެންމަތިވެއްޖެއެވެ.

މިމަޢުލޫމާތު އެޗްއީއޯސީގެ މީޑިޔާ ގްރޫޕްގައި ނޫސްވެރިޔަކު ހިއްސާކޮށްފައިވީނަމަވެސް އެޗްޕީއޭގެ ބަހެއް އަދި ލިބިފައެއްނުވެއެވެ. އަދި މިއީ ކިހާ ސައްހަކަމެއް އެކުލެވިފައިވާ މައުލޫމާތެއް ކަމެއްވެސް އަދި ކަށަވަރުވެފައެއްނުވެއެވެ.

ނަމަވެސް ވެކްސިން ކާޑުގައި ބުނާގޮތުންނަމަ މިދިވެހި ފިރިހެންމީހާއަށް ކޮވިޑް ވެކްސިނުގެ ފުރަތަމަ ޑޯޒު ޖަހާފައިވަނީ މާރޗް 23 ވަނަ ދުވަހު ހުޅުމާލެ ހޮސްޕިޓަލުންނެވެ. އެފަހަރު އޭނާއަށް ލިބިފައިވަނީ ޗައިނާގެ ސިނޮފަރމް ވެކްސިނެވެ. އަދި ދެވަނަ ޑޯޒު ޖަަހާފައިވަނީ މިމަހުގެ 21 ވަނަ ދުވަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުންނެެވެ. ދެވަނަ ޑޯޒުގެ ގޮތުގައި އޭނާއަށް ލިބިފައިވަނީ އިންޑިޔާގެ ސިރަމް އިންސްޓިޓިއުޓުން އުފައްްދާފައިވާ ކޮވިޝީލްޑު ވެކްްސިނެވެ.

މިއީ ކޮވިޑް ވެކްސިނާއި ގުޅިގެން މިފަދަ ކަމެއް ރާއްޖޭގައި ފެންމަތިވި ފުރަތަމަ ފަހަރެވެ. ވެކްސިނުގެ ދެޑޯޒު ފުރިހަމަ ކުރާއިރު ދެވައްތަރެއްގެ ވެކްސިން ބޭނުން ނުކުރެވޭނެކަމަށް އެޗްޕީއޭއިން މީގެކުރިން ވަނީ އަންގާފައެވެ. އަދި ދުނިޔޭގެ ވެކްސިން އުފައްދާ ފަރާތްތަކުންނާއި ދުނިޔޭޣެ ސިއްޙަތު ޖަމިއްޔާއިން ވެސް ނިންމާފައިވަނީ ކޮވިޑް ވެކްސިން ދިނުމުގައި ދެވަނަ ޑޯޒް ދޭން ޖެހޭ ވެކްސިން ތަކުގައި އެއް ބްރޭންޑެއްގެ ވެކްސިން ބޭނުން ކުރުމަށެވެ.

ރާއްޖޭގައި މިކަން ހިނގާފައިވަނީ ކަނޑައެޅިގެން ކޮން ގޮތަކަށް ކަމެއް އަދި ނޭނގުނު ނަމަވެސް މިއީ ލިޔުމުގައިވާ ކުށެއް ކަމަށްވެސް ވެދާނެއެވެ. އަދި މިކާޑަކީ އާންމުކުރި ނޫސްވެރިޔާއަށް ކިހިނެއް ލިބުނު ކާޑެއް ކަމެއްވެސް އަދި ނޭނގެއެވެ.

ދުނިޔޭގައި މަދުން ނަމަވެސް މިކަން ހިނގާފައި އެބަހުއްޓެވެ. ނަމަވެސް ތަފާތު ދެ ބްރޭންޑުން ވެކްސިންގެ ދެޑޯޒް ޖެހިގެން މިހާތަނަށް އެއްވެސް ސިއްހީ މައްސަލައެއް ދިމާވެފައިވާ ކަމަކަށް ރިޕޯޓްކޮށްފައެއް ނުވެއެވެ. އަދި މިގޮތަށް ދެ ބްރޭންޑެއްގެ ދެ ޑޯޒް ޖަހައިގެން ބަލިން ދިފާޢުކޮށްދޭ މިންވަރާއި މެދު ވެސް ދުނިޔޭގައި އެއްވެސް ދިރާސާއެއް އަދި ކޮށްފައެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން