މިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ މެމްބަރުން އެޕާޓީއަށް ދިނީ އިންޒާރުގެ ރަނގަބީލެއް ކަމަށް އެމްޑީޕީގެ ފުރަތަމަ ރައީސް، އިބްރާހިމް އިސްމާއީލް (އިބްރާ) ވިދާޅުވެއްޖެއެވެ.

ޓީވީ ޕްރޮގުރާމެއްގައި ރޭ ވާހަކަ ދައްކަވަމުން އެމްޑީޕީގެ ފުރަތަމަ ރައީސް، އިބްރާހިމް އިސްމާއީލް އިބްރާ ވިދާޅުވީ ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުން ވޯޓްލާން ނުނުކުންނަ ކަމަށެވެ. އެމްޑީޕީގެ މެމްބަރުން ވޯޓްލާން ނުނިކުތުން އެއީ މެމްބަރުން ދިން އިންޒާރުގެ ރަނގަބީލެއް ކަމަށާއި، އެ އިންޒާރަކީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި ހަމަޔަށް ކަންކަން އިސްލާހު ނުކޮށްފިނަމަ ޕާޓީ ދޫކޮށްލަންޖެހިދާނެ ކަމުގެ އިންޒާރު ކަމަށް އޭނާ ވިދާޅުވިއެވެ.

"މިހާރު މި އޮތް ނަތީޖާ އަކީ އެމްޑީޕީގެ މެމްބަރުން ވޯޓްލާން ނުނިކުތީ އެއީ އެމީހުން ހާސިލް ކުރަން ބޭނުންވި ކަންކަން ހާސިލް ނުވާ ތަނާއި ޕާޓީގެ އެތެރޭގެ ކަންކަން ހިނގަމުންދާގޮތް އެމީހުން ނުރުހުނުކަން ފާހަގަކުރީ މިކަންކަން ޕާޓީގެ ތެރެއިން އިސްލާހު ނުކުރަންޏާއި 2023 ވަނަ އަހަރު ޕާޓީ ދޫކޮށްލަން ޖެހިދާނެޔޭ، އަޅުގަނޑަށް އެ ނަތީޖާ ވަޒަންކުރެވެނީ އެގޮތަށް. މެމްބަރުންގެ އިހުސާސަކީ އެއީ އެމްޑީޕީގެ ކަންކަން ރަނގަޅު ކުރާށޭ." އެމްޑީޕީ އުފެއްދުމަށާއި އިސްލާހީ ހަރާކަތުގައި އިސްސަފުގައި ހަރަކާތްތެރިވެވަޑައިގެންނެވި އިބްރާހިމް އިސްމާއިލް ވިދާޅުވިއެވެ.

މީގެ އިތުރުން އިބްރާ ވިދާޅުވީ ސަރުކާރުގެ ތެރޭގައި ވެސް މައްސަލަތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ކޯލިޝަންގެ މައްސަލަ ބޮޑުކަމަށާއި، ބައެއް ފަހަރު ސަރުކާރު ހިނގަނީ 18 ސަރުކާރު އެއްް ފަހަރާ ހިނގާހެން ހީވާ ގޮތަށް ކަމަށް އިބްރާ ވިދާޅުވިއެވެ.

"ކޯލިޝަންގެ ކޮންމެ ވަޒީރަކީ އެބޭފުޅަކު ބޭނުންވާ ގޮތަކަށް ކަންކަން ކުރައްވާ ބޭފުޅެއް. އެ ނޭގޭ ކިހިނެއްވާ ކަމެއް ކަން ވެސް. އަނެއްކޮޅުން ސަރުކާރުން ކަމެއް ކުރަން ފަށަން ވަޒީރުންނަށް އުނދަގޫވާ ވަރަށް މަޖިލީސް ސަރުކާރުން ކުރާ ކޮންމެ ކަމެއްގެ ތެރެއަށް އެބަވަދޭ." ރައްޔިތުންގެ ޚާއްސަ މަޖިލީހާއި ގާނޫނު އަސާސީ ޑްރާފްޓްކުރި ކޮމެޓީގެ މުގައްރިރު ކަންވެސް ކުރެއްވި އިބްރާ ވިދާޅުވިއެވެ.

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީ ކައުންސިލާއި އައްޑޫ ސިޓީ ކައުންސިލްގެ މެޖޯރިޓީ އެމްޑީޕީއަށް ފުރަތަމަ ފަހަރަށް ވަނީ ގެއްލިފައެވެ. އަދި މިނޫނަސް ބައެއް މުހިންމު ދާއިރާތަކުގެ އަޣުލަބިއްޔަތުވެސް އެޕާޓީއަށް ވަނީ ގެއްލިފައެވެ. މީގެއިތުރުން އެޕާޓީގެ ބޮޑުން ކުރިން އިންތިޚާބުގެ ނަތީޖާއާއިމެދު ޖަހަމުން އައި ހިސާބުވެސް ދިމާނުވިކަން ވަނީ ފާހަގަވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން