ދެން އަންނަ ރޭޓިންގ ރިވިއުގައި ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ރަނގަޅުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އޯވަރޑްރޯ ކުރުމުގެ މުއްދަތު އިތުރުކުރުމުގެ މައްސަލަ ދިރާސާކުރި ވަގުތީ ކޮމިޓީގެ ބައްދަލުވުމުގައި އިއްޔެ ވާހަަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ސަރުކާރުން ވިއްކި ސުކޫކުން ލިބުނު ފައިސާއިން އަންނަ އަހަރު ދައްކަންޖެހޭ 250 މިލިއަން ޑޮލަރުގެ ޔޫރޯ ބޮންޑުގެ ބޮޑު ބަޔެއް ދައްކާފައިވާކަމަށެވެ. ކްރެޑިޓް ސޫއިޒާއި އެމިރޭޓްސް އެންބީޑީ ކެޕިޓަލްގެ އިތުރުން އެސްއެސްބީސީ އަދި އިސްލާމިކް ކޯޕަރޭޝަން ފޯ ދަ ޑިވެލޮޕްމެންޓް އޮފް ޕްރައިވެޓް ސެކްޓާ (އައިސީޑީ) މެދުވެރިކޮށް ސަރުކާރުން ވަނީ 200 މިލިއަން ޑޮލަރުގެ ސުކޫކެއް ވިއްކާފައެވެ.

ސުކޫކުން ލިބޭ ފައިސާ ބޭނުންކުރާނީ ކުރީގެ ސަރުކާރުގައި ވިއްކާފައިވާ 250 މިލިއަން ޑޮލަރުގެ ޔޫރޯ ބޮންޑު އަންނަ އަހަރު ދައްކަންޖެހޭތީ އެ ބޮންޑަށް ފައިސާ ދެއްކުމަށެވެ. މިބޮންޑުގެ ތެރެއިން އަންނަ އަހަރު ދެން ދައްކަން ޖެހޭނީ 58 މިލިއަން ޑޮލަރު ކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.



އެހެންކަމުން މީގެ ހަފްތާއެއް ކުރިން ރާއްޖޭގެ ދަރަނީގެ ހާލަތު ހުރިވަރަށްވުރެ މިހާރުގެ ހާލަތު ރަނގަޅު ކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ. އަދި ދެން މާކެޓަށް ދާނަމަ ރާއްޖޭގެ ރޭޓިންގްސް ރަނގަޅުވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިހާރު މޫޑީސްގެ އެންމެ ފަހުގެ ރިޕޯޓް ތިބޭފުޅުން ބަލާކަމުގައި ވަނީނަމަ ފާހަގަވެގެންދާނެ އިމިޑިއެޓް ލިކިޔުޑިޓީ ރިސްކެއް ނެތްކަމާއި ރޯލް އައުޓް ރިސްކެއް ނެތްކަމަށް. އެހެންވީމާ ދެން އަންނަ ރޭޓިންގ ރިވިއުއިން ރޭޓިންގ ރަނގަޅުވާނެކަމަށް މި އުންމީދުކުރަނީ." މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

ރާއްޖޭގެ ކްރެޑިޓް ރޭޓިން ރަނގަޅުވާނެ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވެފައިވާއިރު މޫޑީސް އިންވެސްޓާސް ސާވިސަސްއިން ރާއްޖެއަށް ދީފައިވާ ރޭޓިން ބީ2 އިން ބީ3 އަށް ވަނީ ދަށްކޮށްފައެވެ. މޫޑީސް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށް ކުރިއިރު، ރާއްޖޭގެ ރޭޓިން ހަދާ ދެވަނަ ކުންފުނި، ފިޗުން ވެސް ވަނީ ރޭޓިން ދަށްކޮށްފަ އެވެ. އެގޮތުން ދަރަނި އަދާކުރުމުގެ ގާބިލްކަން ހުރި މިންވަރު ވަޒަންކޮށް ދޭ މި ރޭޓިންގައި ފިޗުން ރާއްޖެ އަށް ދީފައިވާ "ބީ ޕްލަސް" މިހާރު ވަނީ "ބީ" އަށް ދަށްކޮށްފަ އެވެ. ރާއްޖެ ރޭޓް ކުރުމަށް ހަވާލުކޮށްފައިވަނީ މޫޑީސް އަދި ފިޗަށެވެ. 


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން