ކޮވިޑް-19 އިން ދިފާއުވުމަށް ދެމުންދާ ވެކްސިން، ތަފާތު ދެ ޑޯޒަކުން ދިން ނަމަވެސް ވެކްސިންގެ ފައިދާ ލިބޭނެ ކަމަށާއި، އެކަމުން ގެއްލުމެއް ލިބޭކަމަށް އެގިފައިނުވާ ކަމަށް އެޗްޕީއޭގެ ޑިރެކްޓަރު އަހްމަދު ނާސިރު މިއަދު ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީއިން މިއަދު މެންދުރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑިރެކްޓަރު އަހްމަދު ނާސިރު ވިދާޅުވީ، ކޮވިޑް-19 އިން ދިފާއުވުމަށް ދިވެއްސަކަށް ފުރަތަމަ ޑޯޒް ސިނޮފާމް ވެކްސިނުން ދިނުމަށް ފަހު ދެވަނަ ޑޯޒް ކޮވިޝީލްޑުން ދީފައިވާ ކަމަށާއި އެކަން މިހާރު ބަލަމުންދާ ކަމަށެވެ. ތަފާތު ދެ ވެކްސިން ދެވުނު މީހާގެ ހާލަތު ވަރަށް ކައިރިން ބަލަމުން ގެންދާ ކަމަށް ނާސިރު ވިދާޅުވިއެވެ.

ނާސިރު ވިދާޅުވީ ޑަބްލިއުއެޗްއޯއާއި އެމައުލޫމާތު މިހާރު ހިއްސާ ކުރެވިފައިވާ ކަމަށާއި، އެކަން ހިގާދިޔަ ގޮތާއި ގުޅޭ ރިޕޯޓެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނާސިރު ވިދާޅުވީ މިހާތަނަށް ހެދިފައިވާ ދިރާސާތަކަށް ބަލާއިރު ތަފާތު ދެ ވެކްސިން ދީގެން ވަކި ގެއްލުމެއްވާކަން ފާހަގަކުރެވިފައިނުވާ ކަމަށެވެ.



"ހެދިފައިވާ ދިރާސާތަކަށް ބަލާއިރު ސީދާ ވަކި ގެއްލުމެއް އެގޮތަށް ވެކްސިން ދެވިގެން ލިބިފައިވާ ކަމަށް އެނގިފައެއް ނެތް. މިހާތަނަށް ހެދިފައި ހުރި ދިރާސާތަކުން ދައްކާގޮތުން އޭގެ (ވެކްސިން) ފައިދާ، ދެ ޑޯޒް ލިބުމުން އެލިބޭ ފައިދާ އެގޮތަށް ދެވުނަސް ލިބިގެންދާނެ ކަމަށް އަޅުގަނޑުމެންނަށް ވަނީ އެނގިފައި، އެކަމަކީ އަޅުގަނޑުމެން ވަރަށް ކައިރިން ބަލަމުންދާ ކަމެއް ކަމަކީ ކަނޑައެޅިފައިވާ އުސޫލުތަކާއި ޚިލާފަށް ދިޔަކަމެއް އެކަން އަޅުގަނޑުމެން ރަނގަޅުކޮށް ކުރިއަށް ގެންދާނަން." ނާސިރު ވިދާޅުވިއެެވެ.

ދައުރުވަމުންދާ ވެކްސިން ކާޑުން ދައްކާ ގޮތުގައި ވެކްސިން ޖެހި މީހާއަށް ފުރަތަމަ ޑޯޒްގެ ވެކްސިން ދީފައި ވަނީ މާޗް 22 ވަނަ ދުވަހު އެވެ. އެއީ އެޗްޔޫސީ ވެކްސިން ސެންޓަރުން ކަމަށް ކާޑުގައި ބުނެފައި ވެއެވެ. ސިނޮފާމްގެ ވެކްސިން އެދުވަހު ދިން ކަމަށް ކާޑުގައި ލިޔެފައިވެއެވެ.

ކާޑުގައި ލިޔެފައި އޮތް ގޮތުގައި އޭޕްރީލް 21 ގައި އޭނާއަށް ދެވަނަ ވެކްސިންގެ ދެވަނަ ޑޯޒް ދީފައި ވަނީ ކޮވިޝީލްޑުންނެވެ. އެވެކްސިން ދީފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހުންނަ ވެކްސިން ސެންޓަރުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން