މާލޭ މަގުމަތިން ހިނގާފާ ދިޔަ އަންހެނަކު ކިޑްނެޕްކޮށް، ރޭޕް ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި، އަންހެން މީހާ ގަދަކަމުން ދަމާފައި ގޯޅިއަށް ވައްދާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖެއް އާންމުވެއްޖެއެވެ.

ހާދިސާ ހިނގާފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ، ލެމަން ގްރާސް ހުންނަ މަގުގަ އެވެ.

އާންމުވެފައިވާ އެވީޑިއޯ އިން ފެންނަގޮތުން ފިރިހެން މީހާ ފުރަތަމަ އަންހެން މީހާ ގެންދަން މަސައްކަތް ކުރަނީ އަތުގައި ހިފާ ދަމާފަ އެވެ. އޭރު ވެސް އަންހެން މީހާ ގަދަ ދައްކަމުންދާއިރު އެ ދެމީހުންގެ ފަހަތުން އިތުރު ފިރިހެނަކު ވެސް ހިނގާފައި އަންނަ މަންޒަރު ވެސް ވީޑިއޯ އިން ފެނެއެވެ.

ގޯޅިއާ އަރާ ހަމަވި ހިސާބުން އަންހެން މީހާ ބިން މައްޗަށް ވެއްޓޭ މަންޒަރު ވީޑިއޯއިން ފެނެއެވެ. އަންހެން މީހާ ވެއްޓުނީ މަގުމަތީގައި ތިބި އިތުރު ބައެއްގެ ފައިބުޑަށެވެ. ނަމަވެސް އެއިން އެއްވެސް މީހަކު އަންހެން މީހާއަށް އެހީތެރިވާކަށް މަސައްކަތް ކޮށްފައެއް ނުވެއެވެ.

އެމީހުން ބަލަން ތިއްބާ ދެ ފިރިހެނުން ވެގެން، އަންހެން މީހާގެ ހަތަރެސް ފައިގައި ހިފައި އުފުލާލައިގެން ގޯޅި ތެރެއަށް ވައްދައެވެ.



އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ 18 އަހަރުގެ މީހަކާއި 23 އަހަރުގެ ފިރިހެނެކެވެ. އެ ދެމީހުންނަކީ ވެސް ދިވެހީންނެވެ. އެ ދެމީހުންގެ މައްޗަށް މާރާމާރީއާއި ކިޑްނެޕް އަދި ގަދަކަމުން ޖިންސީ ގުޅުން ހިންގުމުގެ ތުހުމަތު ފުލުހުން ކުރެއެވެ.

އެ މައްސަލާގައި ހައްޔަރުކުރި އުމުރުން 18 އަހަރުގެ މީހާއަކީ މީގެކުރިން ހައްޔަރުގެ ތިން ރެކޯޑެއް އޮތް މީހެކެވެ. ދެވަނަ މީހާގެ ހައްޔަރުގެ ހަތަރު ރެކޯޑު އެބަ އޮތް ކަމަށް ފުލުހުން ބުނެ އެވެ. އަންހެން މީހާއަށް ޖިންސީ އަދި ޖިސްމާނީ އަނިޔާ ދީފައިވާ ކަމަށް އޭނާ ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް މުއްދަތު މަޖިލީހުގައި ފުލުހުން ވަނީ ހާމަކޮށްފައެވެ.



ފުލުހުން ކޯޓުގައި ބުނީ އަންހެން މީހާއަށް ޖިސްމާނީ އަނިޔާ ދިނުމުގެ ގޮތުން، އޭނާގެ ގައިގައި ހިފައި، މައްޗަށް ނަގައި ތިން ފަހަރު ވައްޓާލި ކަމަށް އަންހެން މީހާ ބުނެފައިވާ ކަމަށެވެ. އަދި އަންހެން މީހާގެ އަނގަޔަށް ފޮތި ކޮއްޕައި، ޖިންސީ އަނިޔާ ދިންކަމުގެ މައުލޫމާތު ހުށަހަޅާފައިވާ ކަމަށް ވެސް ފުލުހުން ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވެއެވެ. އެމައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުންނަށް ކޯޓުން ދީފައިވަނީ 5 ދުވަހުގެ ބަންދު މުއްދަތެކެވެ.

މިފަހަކަށް އައިސް ރާއްޖޭގައި މިފަދަ މައްސަލަތައް އިތުރުވަމުންދާ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރަށްވައި ކުރީގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ދާދިފަހުން ވިދާޅުވެފައި ވަނީ މިފަދަ ނުބައި އަމަލުތައް ނުހުއްޓުވެނީ ކުށްކުރާ ފަރާތްތަކަށް ހަރުކަށި އަދަބުދީ އެކަށީގެންވާ ފިޔަވަޅު ނޭޅޭތީ ކަމަށެވެ.

އެފަދަ ކުށްތައްކުރާ ފަރާތްތަކުން ކުށްތައް ތަކުރާރު ކުރަމުންދާއިރު ވެސް އެމީހުން މިނިވަންކަމާއެކު މުޖުތަމަޢުގައި އުޅެމުންދާކަން ގިނަބަޔަކު ފާހަގަ ކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން