މާލޭ ސަލްޓަންޕާކުގައި ތަރައްޤީކޮށްފައިވާ ވިންޓަރ ތީމް ޕާކު ހިންގުމަށް ހަވާލުކޮށްފައިވާ ކުންފުނީގެ ޚަބަރެއް ނުވެގެން ހޯދަން އިއުލާންކޮށްފިއެވެ.

ސިޓީ ކައުންސިލުން ނެރެފައިވާ އިއުލާންގައި ވަނީ ވިންޓަރ ތީމް ޕާރކް ހިންގުމުގެ މަސައްކަތް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ހަވާލުކޮށްފައިވަނީ ޑައިމަންޑް ވިންގްސް ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކާ ކަމަށެވެ. ނަމަވެސް އެ ކުންފުނިން ޕާކު ހިންގަމުން ނުދާތީ އެކަމާއި ގުޅިގެން އަންގަންޖެހޭ ކަންކަން އެންގުމަށް މަސައްކަތް ކުރުމުންވެސް، އެ ފަރާތާ މުޢާމަލާތް ކުރެވޭނެ ގޮތެއް ނެތުމުން މުޢާމަލާތް ނުކުރެވޭކަމަށް ސިޓީ ކައުންސިލުން ބުނެފައި ވެއެވެ. އަދި އެކުންފުނިން ދީފައިވާ އެޑްރެހުގައި އެ ކުންފުނީގެ އޮފީހެއް ނެތުމާއި، އަދި ކުންފުނީގެ އެއްވެސް ފަރާތަކާއި މުޢާމަލާތް ކުރެވޭނެ ގޮތްވެސް ނެތްކަމަށް ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.

ސިޓީ ކައުންސިލުން ބުނީ ޑައިމަންޑް ވިންގްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި ކައުންސިލަށް ޙާޟިރުވުމަށް އަންގާކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ކައުންސިލަށް ޙާޟިރު ނުވެއްޖެނަމަ ޑައިމަންޑް ވިންގްސް ޕްރައިވެޓް ލިމިޓެޑާއެކު ހަދާފައިވާ، ވިންޓަރ ތީމް ޕާކު ހިންގާ ބެލެހެއްޓުމުގެ އެއްބަސްވުން އުވާލާނެކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

ރައީސް ޔާމިންގެ ސަރުކާރުން ރަސްރަނި ބަގީޗާގައި ހެދި ވިންޓަރ ތީމް ޕާކަކީ 15 ޖޫން 2018 ހުޅުވި ޕާކެކެވެ. މިޕާކުގައި އައިސް ސްކޭޓްކުރާ ރިންގަކާއި، އައިސް ސްލައިޑާއެކު ސްނޯގެ ކުޅިވަރުތައް ކުޅެވޭގޮތަށް ވަނީ ހަދާފައެވެ. ނަމަވެސް މި ސަރުކާރުން މިހާރު ވަނީ ރަސްރަނި ބަގީޗާގެ ނަންވެސް ކުރިން އޮތް ގޮތަށް ސަލްޓަން ޕާކްގެ ނަމަށް ބަދަލުކޮށްފައެވެ. އަދި އެތަނުގައި ތަރައްގީ ކޮށްފައި އޮތް ތީމް ޕާކުވެސް މިސަރުކާރު ވެރިކަމަށް އައިފަހަކުން ނުހިންގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން