މިދިޔަ ހުކުރު ދުވަހު މާލޭ މަގުމަތިން އަންހެނަކު ޖަހައިގަނެ، އޭނާ ގަދަކަމުން ގެއަކަށް ވައްދައި ރޭޕް ކުރި މައްސަލައިގައި ހައްޔަރު ކުރި ދެ މީހުންގެ ބަންދު ކްރިމިނަލް ކޯޓުން މިއަދު އިތުރުކޮށްފި އެވެ.



ރޭޕް ކުރުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށްފައި ވަނީ ހދ. ނޭކުރަންދޫ، ވިނަރެސް، އާދަމް ވިޝާން، 18، އާއި ހދ. ވައިކަރަދޫ، މިލާފަރު، އަލީ ރަޝީދު، 23، އެވެ.

މިދިޔަ ހުކުރު ދުވަހު ހައްޔަރުކުރި އެ ދެ މީހުންގެ ބަންދުގެ މުއްދަތު މިއަދު ހަމަވުމުން ކޯޓަށް ގެންދިއުމުން އެ ދެ މީހުންގެ ބަންދަށް ކޯޓުން ވަނީ 10 ދުވަސް ޖަހާފައެވެ. އެންމެ ފުރަތަމަ އެމީހުންގެ ބަންދަށް ކޯޓުން ދީފައިވަނީ 5 ދުވަހުގެ މުއްދަތެވެ.

މާލޭގެ މަގުމަތިން، މީހުން ބަލަހައްޓައިގެން ތިއްބާ، އެއްވެސް ޖެހިލުމެއްނެތި އަންހެން މީހާ ޖަހައިގަނެގެން ގެންދާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ވަނީ އާންމުވެފަ އެވެ.

އެ ދެމީހުންގެ މައްޗަށް ފުލުހުން ކުރަނީ މާރާމާރީއާއި ކިޑްނެޕް އަދި ގަދަކަމުން ޖިންސީ ގުޅުން ހިންގުމުގެ ތުހުމަތެވެ. އެ މައްސަލާގައި ހައްޔަރުކުރި އުމުރުން 18 އަހަރުގެ މީހާއަކީ މީގެކުރިން ހައްޔަރުގެ ތިން ރެކޯޑެއް އޮތް މީހެކެވެ. ދެވަނަ މީހާގެ ހައްޔަރުގެ ހަތަރު ރެކޯޑު އެބަ އޮތް ކަމަށް ފުލުހުން ބުނެ އެވެ. އަންހެން މީހާއަށް ޖިންސީ އަދި ޖިސްމާނީ އަނިޔާ ދީފައިވާ ކަމަށް އޭނާ ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށް މުއްދަތު މަޖިލީހުގައި ފުލުހުން ވަނީ ހާމަކޮށްފައެވެ.

ފުލުހުން ކޯޓުގައި ބުނީ އަންހެން މީހާއަށް ޖިސްމާނީ އަނިޔާ ދިނުމުގެ ގޮތުން، އޭނާގެ ގައިގައި ހިފައި، މައްޗަށް ނަގައި ތިން ފަހަރު ވައްޓާލި ކަމަށް އަންހެން މީހާ ބުނެފައިވާ ކަމަށެވެ. އަދި އަންހެން މީހާގެ އަނގަޔަށް ފޮތި ކޮއްޕައި، ޖިންސީ އަނިޔާ ދިންކަމުގެ މައުލޫމާތު ހުށަހަޅާފައިވާ ކަމަށް ވެސް ފުލުހުން ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން