އެމެރިކާގެ ރައީސް ޖޯ ބައިޑަން އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް.
އެމެރިކާގެ ރައީސް ޖޯ ބައިޑަން އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް.
އެމެރިކާއިން ޖައްވަށް ދޫކުރާ ނުރައްކާތެރި ގޭސްތައް މަދު ކުރުމަށް ނިންމުމާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް، އެމެރިކާގެ ރައީސް ޖޯ ބައިޑަންއަށް މަރުހަބާ ވިދާޅުވެއްްޖެއެވެ.

ބައިނަލް އަގުވާމީގޮތުން ދުނިޔޭގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހު ބޭއްވި ކްލައިމެޓް ސަމިޓްގައި ވާހަކަ ދައްކަވަމުން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ އެމެރިކާއިން ޖައްވަށް ދޫކުރާ ނުރައްކާތެރި ގޭސްތަކުގެ މިންވަރު 50 އިންސައްތައާއި ހަމައަށް މަދު ކުރުމަށް ނިންމާފައިވާކަމަށް ވިދާޅުވެފައެވެ. އަދި 2030 ވަނަ އަހަރަަށް މިކަން ކާމިޔާބު ކުރައްވާނެ ކަމަށްވެސް ޖޯ ބައިޑެން ވަނީ ވިދާޅުވެފައެވެ.

އެމެރިކާ އަކީ ދުނިޔޭގެ ވައިގެފަށަލަ ތަޣައްޔަރުކުރާ ކާބޮން ފަދަ ނުރައްކާތެރި މާއްދާތައް އެންމެ ގިނައިން ޖައްވަަށް ބޭރުކުރާ ދުނިޔޭގެ އެންމެ ބޮޑު އެއްގައުމެވެ. މިއާއެކު މޫސުމީ ކާރިސާ ތަކުން އަރައިގަތުމަށް އެމެރިކާއިން އިސްރޯލެއް އަދާ ކުރަން ޖެހޭނެކަމަށް މިކަމާގުޅޭ މާހިރުން މީގެކުރިންވެސް ވަނީ ފާހަގަކޮށްފައެވެ.

މިގޮތުން އެމެރިކާއިން ތިމާވެއްޓާއި ވައިގެ ފަށަލަ ތަޣައްޔަރުކުރުމާ ދުރުހެލިވުމަށް ނިންމުން ވެގެން ދިޔައީ ދުނިޔޭގެ އެތައްގައުމަކުން ބަލައިގަތް ކަމަކަށެވެ. ހާއްސަގޮތެއްގައި މޫސުމީ ކާރިސާތަކަށް ނާޒުކު ގައުމުތަކުގެ ތެރޭގައި ހިމެނޭ ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުން މިއީ ކާމިޔާބީއެއްގެ ގޮތުގައި ބަލައިގަނެފައިވެއެވެ.

އެމެރިކާއިން ޖައްވަށް ދޫކުރާ ނުރައްކާތެރި ގޭސްތައް މަދު ކުރުމަށް ނިންމުން ފާހަގަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިޙް ވެސް ވަނީ އެމެރިކާއިން ދެއްކި ނަމޫނާ ފާހަގަކޮށް މަރުހަބާ ވިދާޅުވެފައެވެ.

"ކުރިއަށް އޮތް 10 އަހަރު ތެރޭގައި އެމެރިކާއިން ޖައްވަށް ދޫކުރާ ނުރައްކާތެރި ގޭސްތަކުގެ މިންވަރު މިހާރަށްވުރެ ދެބައިކުޅަ އެއްބަޔަށް މަދު ކުރުމަށް ނިންމަވާފައިވާތީ ރާއްޖެއިން އެމެރިކާގެ ރައީސް ޖޯ ބައިޑެން އަށް މަރުހަބާ ކިޔަން. މޫސުމަށް އަންނަ ބަދަލަކީ އެންމެން ތަހައްމަލު ކުރާނެ ކަމެއް. އަދި މިއީ ރާއްޖެ ފަދަ ނާޒުކު ކުދި ޖަޒީރާ ރަށްތަކަށް ހުށައެޅިފައިވާ ނުރައްކަލަކަށް ވެގެންދާއިރު، މިކަމުން ރައްކާތެރިވުމަށް އެމެރިކާއިން އިސްވެ ދެއްކި ނަމޫނާއިން ހިއްވަރުލިބިގެންދޭ." ރައީސްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން