މިހިނގާ އޭޕްރީލް އެކެއްގެ ފަހުން ބ. އޭދަފުށިން އެހެން ރަށްރަށަށް ދަތުރުކޮށްފައިވާ ފަރާތްތަކުން އެކަން އަންގަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން އެދިއްޖެއެވެ.

އެޗްޕީއޭއިން ބުނީ ‏ބ. އޭދަފުށިން ކޯވިޑް-19ގެ ޕޮޒިޓިވް ގިނަ ކޭސްތަކެއް ފެނިފައިވާތީ، 01 އޭޕްރީލް 2021 ގެ ފަހުން ބ. އޭދަފުށީގައި އުޅުމަށްފަހު އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ދަތުރުކޮށްފައިވާ ފަރާތެއްވާނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް ނުވަތަ ހެލްތް ސެންޓަރަށް އެކަން އެންގެވުމަށް އެދޭ ކަމަށެވެ. ‏އަދި އެތާރީޚްގެ ފަހުން ބ. އޭދަފުށްޓަށް ޒިޔާރަތްކޮށްފައިވާ ފަރާތްތަކުން، އޭދަފުށިން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސްވަންދެން ކަރަންޓީނުގައި ތިއްބެވުމަށްވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ. ‏

އެޗްޕީއޭއިން ބުނީ 10 ދުވަސް ހަމަވެފައިވާ ފަރާތްތަކުންވެސް ސާމްޕަލް ނަގަައި ޓެސްޓްކުރަން ވާނެކަމަށާއި އަދި އެ ރަށެއްގެ ހެލްތު ސެންޓަރުން ނުވަތަ ހޮސްޕިޓަލުން އެފަރާތްތަކުގެ ސާމްޕަލް ނެގުމުގެ އިންތިޒާމު ހަމަޖައްސަންވާނެކަމަށެވެ. މީގެއިތުރުން ‏01 އޭޕްރީލް 2021 ގެ ފަހުން ބ. އޭދަފުށިން މާލެއަށް އައިސްފައިވާ ފަރާތްތަކުން މާލެހިޔާ ކައިރީގައި ހުންނަ ފްލޫ ކްލިނިކް، ހުޅުމާލޭ ފްލޫ ކްލިނިކް، ނުވަތަ ވިލިމާލޭ ފްލޫ ކްލިނިކަށް ގޮސް ސާމްޕަލް ނެންގެވުމަށް ވަނީ އެދިފައެވެ.

‏އެޗްޕީއޭއިން ވަނީ ނަތީޖާ ނެގެޓިވްވި ކަމުގައިވިޔަސް އޭދަފުށިން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސްވަންދެން ކަރަންޓީނުގައި ތިއްބެވުމަށާއި، އެރަށަށް ކުރެއްވި ދަތުރުގެ މައުލޫމާތު 1676އަށް ހިއްސާކުރެއްވުމަށް އިލްތިމާސްކޮށްފައެވެ. ‏އަދި 10 ދުވަސް ހަމަވެފައިވާ ފަރާތްތަކުންވެސް ސާމްޕަލް ނަގަައި ޓެސްޓްކުރަން ވާނެކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ.

އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އޭދަފުށިން މިހާތަނަށް 24 މީހަކު ވަނީ ކޯވިޑަށް ޕޮޒިޓިވްވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން