މަރިޔަމް ރަޝީދާ އަދި ފައުޒިއްޔާ ހަސަން.
މަރިޔަމް ރަޝީދާ އަދި ފައުޒިއްޔާ ހަސަން.
އިންޑިޔާގެ ކެރަލާ ސްޓޭޓްގައި ހައްޔަރުކުރި މަރިޔަމް ރަޝީދާ އަދި ފައުޒިއްޔާ ހަސަނަށް، 30 އަހަރު ފަހުން އެގައުމުން ބަދަލު ދޭން ނިންމައިފިއެވެ.

މަރިޔަމް ރަޝީދާ އިންޑިއާގެ ދަ ހިންދޫގައި ބުނެފައިވަނީ އެދެމީހުން ހައްޔަރުކުރީ އިންޑިޔާގެ ފުލުހަކު ނުގަބޫލުން ޖިންސީ އެދުން ފުއްދަން އުޅުމުން އެކަން ނުކުރެެވުމުން އެމީހުންނާއި ދެކޮޅަށް ކުރެވުނު ދޮގު ދައުވާ އަކާއި ގުޅިގެން ކަމަށެވެ. މިގޮތުން މަރިޔަމް ރަޝީދާ އަދި އޭނާގެ އެކުވެރިޔާ ފައުޒިއްޔާ ހަސަނަކީ ރާއްޖެއިން އިންޑިޔާއަށް ޖާސޫސު ކުރަން ފޮނުވި ދެއަންހެނުންކަމަށް ތުހުމުތުކޮށްފައިވެއެވެ. އަދި އޭގެފަހުން އިންޑިއާގެ ޖާސޫސީ ބަޔަކާއި ގުޅިގެން ޖާސޫސު ކުރަން އުޅުނުކަމުގެ ތުހުމަތުތައް އެދެމީހުންގެ މައްޗަށް ކުރިއެވެ.

ފައުޒިއްޔާ އާއި މަރިޔަމް ރަޝީދާ 1994 ވަނަ އަހަރު އިންޑިއާއިން ހައްޔަރު ކޮށްފައި ވަނީ ޖާސޫސްކުރުމުގެ ތުހުމަތުގަ އެވެ. އެމީހުންގެ އިތުރުން އިންޑިއާގެ ޖައްވީ އިދާރާ (އައިއެސްއާރުއޯ)ގެ އިސް ދެ ސައިންސްވެރިން ކަމަށްވާ ނަމްބީ ނާރަޔަން އާއި ޑީ ސަސިކުމާރުގެ އިތުރުން ރަޝިއާގެ ޖައްވީ އިދާރާގެ ފަރާތުން އިންޑިއާގައި ހުންނަ މަންދޫބެއް ކަމަށްވާ ޗަންދުރަޝޭކަރު ހިމެނޭ ގޮތަށް ހަތަރު މީހަކު ހައްޔަރުކޮށްފައިވެ އެވެ. ފައުޒިއްޔާއާއި މަރިޔަމް ރަޝީދާ މިނިވަންވީ ތިން އަހަރު ފަހުންނެވެ.

މިކަމާބެހޭގޮތުން އިންޑިޔާގެ ނޫހަކަށް ރަޝީދާ ދީފައިވާ އިންޓަވިއުއެއްގައި ބުނާގޮތުންނަމަ، ރަޝީދާ އަދި ފައުޒިއްޔާ އޭރު ޓްރިވެންޑްރަމް (މިހާރުގެ ނަމުންނަމަ، ތިރުވަނަންތަޕޫރަމް) ގައި ތިބި ހޮޓަލުގެ ކޮޓަރިއަށް ފުލުހުންގެ މީހަކު އައިސް ފައުޒިއްޔާ ބޭރުކޮށް، ރަޝީދާ ގައިގައި ބައްދާލުމަށް ލެފިލުމުން، ފުލުސް މީހާ ކޮށްޕައި އޭނާގެ ކޯމަތީގައި ޖެހީއެވެ. މިއާއެކު، އޭނާގެ ބޮލުގައި ދޮގު ތުހުމަތެއް އަޅުވައި ޖަލަށްލީކަމަށް ބުނެފައިވެއެވެ.

ރަޝީދާ ބުނާގޮތުންނަމަ އޭނާ ކެރަލާ ގެ ފުލުހުންނާ ބައްދަލު ކުރީ، ރާއްޖެއަށް ފުރަން އޮތް މުއްދަތުގައި ރާއްޖޭގައި ބަލިމަޑުކަމެއް ފެތުރެމުންދާތީވެ ރާއްޖެ އަނބުރާ ދެވެން ނެތްކަމަށް ބުނެ އެހީ ހޯދުމަށެވެ. މިއާއެކު އޭނާގެ ޕާސްޕޯޓުވެސް ހިފެހެއްޓިކަމަށްވެއެވެ.

މީގެއިތުރުން، ރަޝީދާ އަދި ފައުޒިއްޔާއަކީ ޕާކިސްތާނުގެ އައިއެސްއައިއަށް މައުލޫމާތު ހޯދަދިނުމަށް ޖާސޫސު ކުރަން ރާއްޖެއިން އިންޑިޔާއަށް، ފޮނުވި ދެއަންހެނުންކަމަށް ބުނެފައިވާ ބަޔާނެއްގައި ސޮއި ކުރުވަން މަސައްކަތްކުރިކަމަށްވެސް ވެއެވެ. މިއާއެކު ފުލުހުންގެ ބަހަށް ހުރިހާ މީޑިޔާއަކުންވެސް ހެއްލި، އެދެމީހުންގެ އަޑުއަހައި އެހީތެރިވާނެ އެކަކުވެސް ނުވިކަމަށް ރަޝީދާ ބުނެފައި ވެއެވެ.

މިގޮތުން 30 އަހަރުގެ އަނިޔާވެރި ކަމަށްފަހު މިއަދު ބަދަލު ދިނަސް، ރަޝީދާގެ އިތުރުން ފައުޒިއްޔާ އަދި އެމީހުން އާއިލާއާއި ގައުމުގެ ވެއްޔާއި މޮޑެވިދިޔަ އަބުރާއި އިއްޒަތް އަނބުރާ ނުލިބޭނެ ކަމަށް ރަޝީދާ ބުނެފައި ވެއެވެ.

"އަހަރެން ކެރަލާއަށް އައީ ދަރިފުޅަށް ތައުލީމު އުނގަންނައިދޭން. އަހަރެމެން ގޯސް ކަމެއް ނުކުރަން. ކެރަލާ ފުލުހުން ކައިރީ އަހާބަލަ އަހަރެމެން ފުރަތަމަ ހައްޔަރުކުރީ ކީއްވެގެންތޯ." ރަޝީދާ ބުނެފައިވެއެވެ.

މީގެއިތުރުން، ފައުޒިއްޔާ ހަަސަން އިންޑިޔާގެ ނޫހަކަށް ދިން މައުލޫމާތުގައި، މިހާދިސާގައި ފުލުހުންގެ ތަހުގީގުގައި އެތައް ކަމަކަށް އެއްބަސްވުމަށް ބިރުދައްކައިފައިވާއިރު، އޭނާގެ 14 އަހަރުގެ ދަރިފުޅު ގެންގޮސް ރޭޕް ކުރާނެކަމަށްބުނެ ބިރުދެއްކިކަމަށްވެސްވެއެވެ. އަދި އެމީހުން ދޫކޮށްލުމުން ކެރަލާގެ ފުލުހުންނާއި ދެކޮޅަށް ދައުވާކުރުމުން، ދައުވާ އަނބުރާ ގެންދިއުމަށް އާއިލާގެ މީހުންނަށްވެސް ބިރުދެއްކިކަމަށް ފައުޒިއްޔާ ބުނެފައިވެއެވެ.

ކެރެލާ ފުލުހުން ފައުޒިއްޔާއާއި މަރިޔަމް ރަޝީދާ ހައްޔަރުކޮށްގެން ތަފާތު އަނިޔާތައް ދީފައިވާއިރު އެމީހުން މިނިވަން ކުރުމަށް ދިވެހި ސަރުކާރުން މާބޮޑު މަސައްކަތްތަކެއް ނުކުރާކަމުގެ ތުހުމަތުވެސް އޭރުކޮށްފައި ވެއެވެ. އަދި ރާއްޖެއިން މަސައްކަތް ކުރި ނަމަވެސް އެދެމީހުންނަށް އިންޑިއާގެ ފުލުހުން ކުޑަވެސް ދުލެއް ދީފައި ނުވެއެވެ.

ދިވެހި ދެ ކަނބަލުންނަށް މިއަނިޔާތައް ލިބުނުތާ ތިރީސް އަހަރު ފަހުން އިންޑިއާގެ ސްޕްރީމް ކޯޓުން ނިންމައިގެން ބަދަލުގެ ގޮތުގައި ދިނީ ކިހާ މިންވަރެއް ކަމެއް އިންޑިއާގެ ނޫސްތަކުން ހާމަކޮށްފައެއް ނުވެއެވެ. އަދި އިންޑިއާގެ ބޮޑެތި ނޫސްތަކުން މި ޚަބަރު ޖަހާފައިވަނީ ވަރަށް ވެސް ކުރުކޮށް، ވަރަށް ލުއި ގޮތަކަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން