ރާއްޖެއަށް ބަރުލަމާނީ ނިޒާމެއް ގެނައުމަށް ކުރާ މަސައްކަތްތަކަކީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ގެންގުޅުނު ނިިޒާމަށްވުރެވެސް ފަހަތަށް ގައުމު ގެންދިޔުމަށް ކުރާ މަސައްކަތެއް ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް, އައްޑޫ ޝަރީފު ވިދާޅުވެެއްޖެއެވެ.



ޓީވީ ޕްރޮގުރާމެއްގައި ރޭ ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ ބަރުލަމާނީ ނިޒާމަކީ "ބްރޯ ކޮންޓްރޯލް ކުރާ" ނިޒާމެއް ކަމަށެވެ. އެ ނިޒާމުގައި 43 މެމްބަރުން އެއްކޮށް ގަނެލުމުން ސަރުކާރު އެއްކޮށް ގަނެވުނީ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކީ ބްރޯ ނިޒާމުގެ މީހުންނެއް ނޫން. އަޅުގަނޑުގެ ވެސް ބްރޯ އަކީ ރައީސް ނަޝީދު. ބްރޯ، ބްރޯއޭ ކިޔައިގެން އޮޅުވާލަން އުޅޭނެ ކަމެއް ނެތް." އެ ޕްރޮގުރާމްގައި ޝަރީފް އާއެކު ދެން ބައިވެރިވީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ޝަރީފަށް ތުހުމަތުކޮށް އެއީ "ބްރޯ" ވަޒީރާއިއެކު އުޅޭ މެންބަރުން ކަމަށް ވިދާޅުވުމުން އެކަމަށް ރައްދު ދެއްވަމުން ޝަރީފް ވިދާޅުވިއެެވެ.

މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދާއި ބޮންޑޭ ވިދާޅުވާގޮތުން "ބްރޯ" އަކީ މި ސަރުކާރުގެ އެންމެ ނުފޫޒުގަދަ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ރައީސްގެ ވަރަށް އަރިސް ބޭފުޅެއް ކަމަށްވާ އިކޮންމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލެވެ.

މި ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ، ބަރުލަމާނީ ނިޒާމެއްގައި އެންމެ މުހިންމު އަސާސީ ސިފައަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ނޫނީ ސިޔާސީ މަގާމަކަށް ނާދެވުން ކަމަށެވެ. ބަރުލަމާނީ ނިޒާމްގައި އެއް މަގާމަށްވުރެ ގިނަ މަގާމު މެމްބަރުން އަދާކުރައްވާނެ ކަމަށާއި، ސަރުކާރު ވެއްޓިދާނެތީ އުޅެންޖެހޭނީ މެމްބަރުން ބޭނުންވާ މަގާމުތައް ދީގެން ހިތް ރުއްސައިގެން ކަމަށް ޝަރީފް ވިދާޅުވިއެވެ.



ޝަރީފް ވިދާޅުވީ، ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގައި އެމަނިކުފާނާއި ވަޒީރު ބޭފުޅުން އެއް މަގާމަށްވުރެ ގިނަ މަގާމު އަދާކުރެއްވުމުން އެކަން ގަބޫލު ކުރެވޭ ކަމަކަށް ނުވި ކަމަށާއި، މިހާރު ފެންނަނީ މައުމޫންގެ ސަރުކާރަށްވުރެ ފަހަތަށް ގައުމު ގެންދަން މަސައްކަތް ކުރަމުންދާތަން ކަމަށެވެ.



"އަޅުގަނޑުމެންނަށް އޭރު ގަބޫލު ނުކުރެވުނީ ރައީސް މައުމޫން ދައުލަތުގެ ވެރިޔާގެ އިތުރަށް އެމަނިކުފާނު މިނިސްޓަރ އޮފް ފިނޭންސް ކަމާއި އެމްއެމްއޭގެ ގަވަރުނަރު ކަމާއި ޑިފެންސް މިނިސްޓަރު ކަމާއި ސިފައިންގެ ޗީފް ޖެނެރަލްގެ ލަގަބާއެކު މި ހުރިހާ ތަނަކުން މުސާރަ ލިބިގެން ހުންނެވީމަ، މިހާރު އަޅުގަނޑުމެން މިދައްކާ ވާހަކަ އަކީ ނޫނޭ އަޅުގަނޑުމެން އުވާލި ނިޒާމް މާ ރަނގަޅޭ، ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެމްބަރަކަށް އޮންނަންވާނެއޭ ދިހަ ބާރަ މަގާމު، މިހާރު މިއުޅެނީ ބަރުލަމާނީ ނިޒާމްގައި މައުމޫން ގެންގުޅުއްވި ނިޒާމަށްވުރެވެސް ފަހަތަށްދާން، މައުމޫންގެ ނިޒާމްގައި ވެސް އޮވޭ ރައްޔިތުންގެ އަތުގައި ވޯޓެއް." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ބަރުލަމާނީ ނިޒާމެއްގައި ރައީސުލްޖުމުހޫރިއްޔާއާއި ބޮޑުވަޒީރު އައްޔަންކުރުމަށް ވޯޓްލުމުގެ އިޚުތިޔާރެެއް ރައްޔިތުންނަށް ނޯއްނަ ކަމަށެވެ. ދައުލަތުގެ އެންމެ އިސް ދެ ވެރިން ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުން ކަމަށް ޝަރީފް ވިދާޅުވިއެވެ.

"ރައްޔިތުންގެ އަތުގައި އޮތް އެންމެ މުހިންމު ޑިމޮކްރަޓިކް ހައްގަކީ ވޯޓްލުމުގެ ހައްގު، އެމީހުންގެ މައްޗަށް އަމުރުކުރާނެ ވަލިއްޔުލްއަމުރެއްގެ މައްޗަށް ވޯޓްލުމުގެ ހައްގު. އެ ހައްގު ނިގުޅައިގަންނަންވީ އެއްވެސް ސަބަބެއް ނުފެނޭ، ޕެންޑަމިކެއްގެ ތެރޭގައި އޮއްވާ ނީސްތަށްޓަށް އަރައިގެން މި އުޅެނީ ކީއްވެތޯ؟ ޝަރީފް ވިދާޅުވިއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް އެނިޒާމުގެ ވެރިކަމުގެ ފުރަތަމަ ބޮޑުވަޒީރުގެ މަގާމު ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވަނީ ރައީސް ޞާލިހަށް ހުށައަޅުއްވާފައެވެ. ރައީސް ޞާލިހު އެކަމަށް ނޫނެކޭ ވިދާޅުވި ނަމަވެސް އެމްޑީޕީން ވަނީ ބަރުލަމާނީ ކެމްޕޭން ނުރަސްމީކޮށް ފަށާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން