އަނިޔާވެރިގޮތަކަށް މަރާލާފައިވާ ރާއްޖޭގެ ބްލޮގަރ، ޔާމިން ރަޝީދުގެ މަރުގެ އަޑީގައި ތިބީ ކޮންބައެއްކަން ބަލައި ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ މަރު ކޮމިޝަނުން މިއަދު ބުނެފިއެވެ.

ޔާމީން ރަޝީދު އަނިޔާވެރި ގޮތަކަށް މަރާލާފައިވާތާ މިއަދަށް ހަތަރު އަހަރު ފުރިފައިވުމާއި ގުޅިގެން އެކޮމިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ޔާމީން ރަޝީދު ނެތުމުން އާއިލާއަށާއި ރަޙްމަތްތެރިންނަށް

ލިބިފައިވާ ފުން ހިތާމައިގައި އެ ކޮމިޝަނުން ބައިވެރިވާ ކަމަށެވެ. އަދި ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި އުފުލާފައިވާ ދައުވާގެ ޝަރީއަތް ކުރިޔަށް ދިޔަކަމުގައި ވީނަމަވެސް، ޕްރޮސެކިއުޓާ ޖެނެރަލްގެ ލަފަޔާއެކު، ހިނގަމުންދާ ޝަރީއަތަށް އެއްވެސް ނުފޫޒެއް ނުފޯރާގޮތަށް، އެ މަރުގެ އަޑީގައި ތިބީ ކޮންބައެއްކަން ބަލައި ހޯދުމުގެ މަސައްކަތް އެކޮމިޝަނުން ކުރަމުންދާކަމަށްވެސް އެ ކޮމިޝަނުން ނެރުނު ބަޔާނުގައިވެއެވެ. މީގެ އިތުރުން މިމައްސަލައާއި ގުޅިގެން މިހާރު ހިނގަމުންދާ ޝަރީއަތް ވީހާވެސް އަވަހަކަށް ނިމި، ޔާމީން ރަޝީދުގެ އާއިލާއަށް އިންސާފު ލިބުމަށް އެދޭކަމަށް އެބަޔާނުގައި ވަނީ ބުނެފައެވެ.

ޔާމީން މަރާލި މައްސަލައިގައި ދައުލަތުން ދައުވާ ކޮށްފައިވަނީ ހ. އަންނާރުމާގެ އިސްމާއިލް ހައިޝަމް ރަޝީދު، މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލް، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާން، މ. ކުދެހިގެ ހަސަން ޝިފާޒް، މ. ތާއިފް އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދުގެ މައްޗަށެވެ. އެގޮތުން މި ހަ މީހުންގެ މައްޗަށްވެސް ދައުލަތުން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ދައުލަތުން ވަނީ އުފުލާފައެވެ.

ތޫނުއެއްޗަކުން ހަމަލާދީ ޔާމީން ރަޝީދު މަރާލާފައިވަނީ 2017ވަނަ އަހަރުގެ އެޕްރީލް މަހުގެ 23ވަނަ ދުވަހުއެވެ. މިއަދު އެމަރަށް ވަނީ ހަތަރު އަހަރު ފުރިފައެވެ. މައްސަލައިގައި އިންސާފު ނުލިބި ހަތަރު އަހަރު ހަމަވެފައި ވާތީ އެސޯސިއޭޝަން ފޯ ޑިމޮކްރަސީ މޯލްޑިވްސް (އޭޑީއެމް) އިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. 

އޭޑީއެމުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ، ޔާމީން މަރާލާފައިވަނީ 2010 ވަނަ އަހަރުން ފެށިގެން ތަކުރާރުކޮށް ބަޔަކު އޭނާއަށް މަރުގެ އިންޒާރުތައް ދިނުމަށްފަހުގައި ކަމަށެެވެ. އަދި ރިޔާސީ ކޮމިޝަންތަކުގެ ގާނޫނު ފާސްކުރުމުން ޔާމީން ރަޝީދާއި، މަރާލާ އަދި ގެއްލުވާލާފައިވާ އެއްވެސް މީހަކަށް އިންސާފު ހޯދައިދިނުން އެހިސާބުން ނިމުނީ ނޫންކަން ރައްޔިތުންގެ މަޖިލީހަށް ހަނދާން ކޮށްދޭ ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން