ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭގޮތަށް ޤާނޫނަށް އިސްލާޙު ގެނައުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

މިއިސްލާހަކީ ޢާންމު ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނަށް ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ހުށަހަޅުއްވާފައިވާ އިސްލާހެކެވެ، މިއިސްލާހު ދިރާސާކޮށްފައިވަނީ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީންނެވެ.

އެކޮމިޓީން މިިއިސްލާހު ދިރާސާކުރުމަށްފަހު ނިންމާފައިވަނީ މިހާރު ހެލްތު މިނިސްޓަރަށް ލިބިދީފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަށެވެ. މީގެއިތުރުން އާންމު ސިއްހަތުގެ ގާނޫނުގެ ދަށުން އިއުލާން ކުރާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަކީ، ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހަލަތާ އެއްގޮތް ހާލަތެއްކަމަށް ވެސް ވަނީ ކަނޑައަޅާފައެވެ.

އެގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް އަމަލު ކުރާނީ ކުއްލި ނުރައްކަލުގެ ހަލަތާއި ގުޅޭ ބާބުގައި ބަޔާންކުރާ ގޮތުގެ މަތިންކަމަށް ކޮމިޓީން ނިންމާފައިވެއެވެ.

ކޮމިޓީން ފާސްކޮށްފައިވާ ގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރުމަށް ނެރޭ ގަރާރު 48 ގަޑިއިރު ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންވާނެއެވެ. އަދި މަޖިލީހުން އެ ޤަރާރާމެދު ގޮތެއް ނިންމޭނެއެވެ.

ޤާނޫނު މިހާރު އޮންނަ ގޮތުން ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރުމުގެ ބާރު އޮންނަނީ ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކް ހެލްތުގެ ލަފައާ އެއްގޮތަށް ހެލްތް މިނިސްޓަރަށެވެ.

ޢާންމު ސިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނަށް ގެނައި އެހެން އިސްލާހުތަކުގެ ތެރޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ޙާލަތެއް ދިމާވެއްޖެނަމަ ޚަރަދުކުރުމަށް ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާ މިންވަރަށްވުރެ އެ ޙާލަތުގައި ކުރަންޖެހޭ ޚަރަދު އިތުރުވާނަމަ، އިތުރަށް ބޭނުންވާ ފައިސާގެ މިންވަރު، ތަފްޞީލު ބަޔާންކޮށް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހުން ހިމެނެއެވެ. އަދި މަޖިލީހުން ހުއްދަކުރާ މިންވަރަކަށް ނޫނީ އެފައިސާ ބޭނުންކޮށްގެން ނުވާނެކަމަށްވެސް ކޮމިޓީން ގެނައި އިސްލާހުތަކުގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން