ކުއްޔަށް އުޅުނު ތަނުން ނެރުމުން ބަދަލުގެ ގޮތުގައި ބިމެއްގެ އަގު ދީފައިވާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހްމީ ނުސީދާކޮށް ސަރުކާރަށް ފާޑު ވިދާޅުވެއްޖެއެވެ.

ބަދަލުގެ ގޮތުގައި އެކަށީގެން ނުވާ އަދަދެއް ބަޔަކަށް ދިންކަމަށް އިންތި ވިދާޅުވެފައި މިވަނީ، އެމްއީއެސްގައި މަންދު ކޮލެޖް ހިންގަން ވެފައިވާ އެއްބަސްވުން ބާތިލުކުރުމުން ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 15 މިލިއަން ރުފިޔާ މަންދު ކޮލެޖް ހިންގާ ފަރާތަށް ދޭން ސަރުކާރުން ނިންމާފައިވާ ދަނޑިވަޅެއްގައެވެ.

މެމްބަރު އިމްތިޔާޒް ފަހްމީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއްބަސްވުމަކާއި ޚިލާފަށް ސަރުކާރުގެ އިމާރާތެއް ހުރި ތަނަކުން މީހަކު ނެރުމުން ނަގައިދޭ ބަދަލު ވެގެން ދިޔައީ އެއަށް ވުރެ ބޮޑު ބިމެއް ގަނެލުމުގެ އަގަކަށްކަމަށެވެ.

"ސަރުކާރާއެކު ވެފައިވާ އެއްބަސްވުމަކާ ޚިލާފަށް ސަރުކާރުގެ އިމާރާތެއް ހުރި ތަނަކުން މީހަކު ނެރުމުން ނަގައިދޭ ބަދަލު ވެގެން މިދިއައީ އެއަށްވުރެ ބޮޑު ބިމެއް ގަނެލުމުގެ އަގަކަށް! ސަޅިއެއްނު!" އިންތި ވިދާޅުވެފައިވެއެވެ.



އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް އިސްމާޢީލްގެ މަންދު ކޮލެޖަށް ބަދަލެއްގެ ގޮތުގައި ދަޢުލަތުން 15 މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ޙުކުމް ކުރުމުން އެމްޑީޕީގެ ގިނަ މެމްބަރުންތަކެއް ދަނީ އެކަމަށް ފާޑު ކިޔަމުންނެވެ.

މާލޭ އިންގްލިޝް ސްކޫލު (އެމްއީއެސް) ހިންގަން މަންދު ކޮލެޖާ ހަވާލުކުރި އެއްބަސްވުން އުވާލުމަށް 2015 ގައި މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނިންމާފައިވާ ނިންމުމަކީ، އެ އެއްބަސްވުމާއި ޚިލާފަށް ނިންމާފައިވާ ނިއްމުމެއް ކަމަށްވާތީ ގެއްލުމުގެ ބަދަލު ހޯދުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން ނުވަތަ ދިވެހި ދައުލަތުގެ ކަމާބެހޭ އިދާރާގެ މައްޗަށް ދަޢުވާކުރުމުގެ ޙައްޤު މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް ލިބިގެންވާ ކަމަށް ސުޕްރީމް ކޯޓުން މީގެ ކުރިން ވަނީ ނިންމާފައެވެ.

އެހެންކަމުން ގެއްލުމުގެ ބަދަލަށް 18 މިލިއަން ރުފިޔާ ހޯދަން މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ދައުވާ ކުރުމުން ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާގައި ދައުލަތުން ވަނީ އޭގެ ތެރެއިން 15 މިލިއަން ރުފިޔާ ދޭން އެއްބަސްވެފައެވެ. އަދި ސިވިލްކޯޓުން ވަނީ 15 މިލިއަން ރުފިޔާ އެއްމަސްތެރޭގައި އެ ކުންފުންޏަށް ދެއްކުމަށް ޙުކުމް ކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން