އިމާރާތް ކުރުމުގެ މަސައްކަތްކުރުމަށްޓަކާ މާލޭގެ މަގުތައް ބަންދުކުރުމުގެ ހުއްދަ ދޭން އެންމެ ރަނގަޅު ވަގުތާމެދު މާލެ ސިޓީގެ އިންތިޚާބީ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ޢާންމުންގެ ޚިޔާލު ހޯއްދެވުމުގެ މަސައްކަތް ފައްޓަވައިފިއެވެ.

އިދިކޮޅު ޕީޕީއެމްގެ ޓިކެޓްގައި މާލޭގެ މޭޔަރުކަމަށް އިންތިޚާބުވެވަޑައިިގެންނެވި ޑރ. މުއިއްޒު އާންމުންގެ ޚިޔާލު ހޯދަން ފެއްޓެވީ އެކަމަށް ކަނޑައަޅާފައިވާ ޚާއްޞަ ޕޯލަކުންނެވެ. ޑރ. މުޢިއްޒު މިކަމާ ގުޅިގެން ޢާންމުންގެ ޚިޔާލު ހޯއްދަވަން ހުށަހެޅުއްވި ޓުވީޓެއްގައި މަގު ބަންދުކުރާނެ ގަޑިތަކާއިމެދު ހަތަރު ޚިޔާލެއް ވަނީ ހިއްސާ ކުރަށްވާފައެވެ. އެއީ ރޭގަނޑު 11:00 އިން ހެނދުނު 7:00 އާއި ދެމެދު، ހެނދުނު 6:00 އިން 14:00އާއި ދެމެދު، އަދި މެންދުރު 12.00 އާއި 20:00 އާއި ދެމެދެވެ.

މި ޚިޔާލުތަކާއެކު ކުރެއްވި ޓުވީޓުގައި ޑރ. މުޢިއްޒު ވިދާޅުވީ ކޮންސްޓްރަކްޝަން މަސައްކަތަަށް މަގު ބަންދުކުރުމުގައި އާންމުންނަށް ކުރިމަތިވާ އުނދަގޫ އެންމެ ކުޑަކުރެވޭނެ ވަގުތެއް ޚިޔާރުކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ. އެއާއެކު ކޮންސްޓްރަކްޝަން މަސައްކަތަށް އެންމެ ރަނގަޅު ވަގުތަކީ ކޮބައިތޯ މުޢިއްޒު ވަނީ ރައްޔިތުންގެ އަރިހުން ސުވާލު ކުރައްވާފައެވެ.

https://twitter.com/MMuizzu/status/1385660696038318082?s=19

ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުޢިއްޒުގެ ޓުވީޓުގައި ހުށަހަޅުއްވާފައިވާ ޚިޔާލުތަކުގެ ތެރެއިން ގިނަ ބަޔަކު އިޚުތިޔާރުކޮށްފައިވަނީ ރޭގަނޑު 11:00 އިން ފެށިގެން ހެނދުނު 7:00 އާއި ދެމެދުގެ ވަގުތު ތަކެވެ. އެގޮތުން މި ޕޮލްގައި މިހާތަނަށް ބައިވެރިވި 1،688 މީހުންގެ ތެރެއިން 76.5 އިންސައްތަ މީހުން ބުނާގޮތުން މާލޭގެ މަގުތައް ބަންދުކޮށްގެން މަސައްކަތްކުރަން އެންމެ އެކަށީގެންވާ ވަގުތަކީ ރޭގަނޑު 11:00 އިން ފެށިގެން ހެނދުނު 7:00 އާއި ދެމެދުގެ ވަގުތު ތަކެވެ.

މީގެ ކުރިން މާލޭގައި ކޮންސްޓްރަކްޝަން މަސައްކަތްކުރާ ވަގުތުތަކަށް ބަދަލުތައް ގެނައި ނަމަވެސް އެކަންކުރުމުގައި އާންމުންގެ ޚިޔާލު ހޯދައިފައެއް ނުވެއެެވެ. އިދިކޮޅު ޕީޕީއެމްގެ ނައިބުރައީސް އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުޢިއްޒަކީ މާލެ ސިޓީގެ މޭޔަރުކަމަށް އެ ސިޓީގެ ރައްޔިތުންގެ ސީދާ ވޯޓުން އިންތިޚާބުވެވަޑައިގެންނެވި ފުރަތަމަ މޭޔަރުކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން