އަވަށްޓެރި އިންޑިއާގައި ކޮވިޑް-19ގެ ހާލަތު ގޯސްވެފައިވާއިރު، އެގައުމުގެ ފަތުރުވެރިން ރާއްޖެއައުން މަނާކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަޙްމަދު އުޝާމް ގޮވާލައްވައިފި އެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބްދުﷲ މައުސޫމް ރޭ ކުރެއްވި ޓްވީޓެއް ހިއްސާ ކުރައްވައި، އުޝާމް ވިދާޅުވީ ރާއްޖޭގައި ކޮވިޑް-19ގެ ހާލަތު ގޯސް ނުވަނީސް ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރަން ޖެހޭ ކަމަށާއި، "ރައްކާވެތިބިއްޔާ ދަތުރޭ" ވިދާޅުވާއިރު، ކޮވިޑްގެ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން އެދެވޭ ގޮތެއްގައި އަމަލީގޮތުން މަސައްކަތް ކުރާތަން ނުފެންނަ ކަމަށެވެ.

"އިންޑިއާގައި ކޮވިޑްގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާއިރު، އިންޑިއާގެ ފަތުރުވެރިން ރާއްޖެއައުން މަނާކުރާކަށް ނުވޭތޯ؟ ރައްކާވެތިބިއްޔާ ދަތުރޭ ވިދާޅުވާއިރު، އަމަލުން އެކަން ނުފެނޭ. ރާއްޖޭގެ ހާލަތު އިތުރަށް ގޯސްނުވަނީސް ފިޔަވަޅުތައް ވަރުގަދަކުރަންޖެހޭކަމަށް ދެކެން." ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލްކަންވެސް ކުރެއްވި އުޝާމް ވިދާޅުވިއެވެ.

އަވަށްޓެރި އިންޑިއާގެފަތުރުވެރިން ރާއްޖެ އައުން މަނާކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަޙްމަދު އުޝާމް ގޮވާލައްވާފައިވާއިރު އަވަށްޓެރި އިންޑިއާގައި ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުންދާތީ އެގައުމުން އަންނަ ފަތުރުވެރިންނާއި މެދު ފިޔަވަޅުތައް އެޅުމާއި މެދު މަޝްވަރާކުރެވެމުން އަންނަ ކަމަށް، ޓޫރިޒަމް މިނިސްޓަރު ޑރ. ޢަބްދުﷲ މައުސޫމް ވަނީ ވިދާޅުވެފައެވެ. އިންޑިއާއަކީ ކޮވިޑާއެކު ރާއްޖޭގެ ފަތުރުވެރިކަން ހުޅުވައިލީއްސުރެ އެއްގައުމަކުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް މިހާރު ޒިޔާރަތްކުރާ ގައުމެވެ.

މިއަހަރު ފެށުނު އިރު، ދުވާލެއްގެ މައްޗަށް އިންޑިއާއިން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އުޅުނީ 10،000 އަށް ވުރެ މަދުންނެވެ. ނަމަވެސް މިދިޔަ މަހުގެ ކުރީކޮޅުން ފެށިގެން އެގައުމުގައި ހަލުވިކަމާއި އެކު ކޮވިޑް ވަނީ ފެތުރެން ފަށާފައެވެ. މިދިޔަ ބުރާސްފަތި ދުވަހުވެސް ރެކޯޑު އަދަދަކަށް ކޮވިޑް ޖެހިގެން އެގައުމުން ވަނީ ރިޕޯޓްކޮށްފައެވެ.

އިމިގްރޭޝަނުން ވަނީ އިންޑިޔާ އިން ރާއްޖެ އަންނަ ފަތުރުވެރިން ފިޔަވައި އެހެން ފަރާތްތަށް ދިހަ ދުވަހަށް ކަރަންޓީނު ވާންޖެހޭ ގޮތަށް ހަމަޖައްސާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން