މާފުށީ ޖަލުގެ މުވައްޒަފުން ތަކަކާއި އޮފިސަރުންގެ ތެރެއިން ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެ ޖަލުގައި ކޮވިޑް ފެތުރި ނުރައްކާތެރި ހާލަތަކަށް ޖަލުގެ ހާލަތު ގޮސްފައިވާތީ ޖަލުގައި ހުންނެވި އިދިކޮޅު ލީޑަރު، ކުރީ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ސިއްހީ ގޮތުން ލިބިދާނެ ނުރައްކަލަކުން ސަލަމާތް ކުރުމަށްޓަކައި އެމަނިކުފާނު ވަގުތުން ގެއަށް ބަދަލުކޮށްދޭން އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ސަރުކާރަށް ގޮވާލައިިފި އެވެ.

ޕީޕީއެމާއި ޕީއެންސީއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ މައި ޖަލުގައި ކޮވިޑް ފެތުރެމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާތީ އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ. އެކަމުގެ ސާފު މައުލޫމާތު ރައްޔިތުންނަށް ހާމަކުރަން ކަމާބެހޭ މުއައްސަސާ ތަކަށް އެކޯލިޝަނުން ވަނީ ގޮވާލާފައެވެ.

ޕޮޒިޓިވް މީހުންގެ ތެރޭގައި ރައީސް ޔާމީންގެ ކަންކަން ބަލަހައްޓަވާ ޖަލު އޮފިސަރަކު ހިމެނޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. އިދިކޮޅު ކޯލިޝަނުން ބުނީ ރޯދަ މަހެއްގެ ފުރަތަމަ 10 ދުވަސް ނިމި ދެވަނަ 10 އަށް އެޅިފައި ވަނިކޮށް މާފުށީ ޖަލުން ކޮވިޑް-19 ފެނި، ރައީސް އަބްދުﷲ ޔާމީންގެ ސިއްހަތަށް ލިބިގެން ހިނގައިދާނެ ގެއްލުމަކުން އެމަނިކުފާނު ރައްކާތެރި ކުރުމަކީ ސަރުކާރުން ކުރަން ޖެހޭނެ ކަމެއް ކަމުގައި އެ ކޯލިޝަނުން ގަބޫލު ކުރާ ކަމަށެވެ. އަދި މިއީ ސިޔާސީ ނުފޫޒުން، ކޮށްފައިވާ ހައްގު ނޫން ހުކުމެއް، ރައީސް ޔާމިން ޖަލުގައި ތަންފީޒު ކުރަށްވަމުން ގެންދަވާ ދެވަނަ ރޯދަ މަސް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

"ވީމާ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ސިއްހީ ގޮތުން ލިބިގެން ހިނގައިދާނެ ނުރައްކަލަކުން ސަލަމާތް ކުރުމަށް ނަމަވެސް އެމަނިކުފާނު މިއަދުން މިއަދަށް ގެއަށް ގެނެސް ދެއްވުމަށް ސަރުކާރަށް ގޮވާލަމެވެ." އިދިކޮޅު ކޯލިޝަންގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

މާފުށީ ޖަލާއި ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުން ކޮވިޑް ކޭސްތަކެއް ވަނީ ފެނިފައެވެ. ދެ ޖަލު މިހާރު ވަނީ ލޮކްޑައުން ކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން