ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރަން ގޮވާލާ، އިދިކޮޅު ކޯލިޝަނުން މިރޭ ކުރި މުޒާހަރާގައި ހަމަނުޖެހުން ހިގައި ބައެއް މީހުންނަށް އަނިޔާވެއްޖެއެވެ.

އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، މިރޭ ކުރިއަށް ގެންދިޔަ މުޒާހަރާގައި 10 މީހަކަށް އަނިޔާވެ، ފަރުވާއަށް އެމީހުން ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށެވެ. އަނިޔާވި ފަސް މީހަކު އޭޑީކޭއަށް އަދި ފަސް މީހަކު އައިޖީއެމްއެޗަށް ގެންދިޔަ ކަމަށް އޭނާ ވިދާޅުވިއެެވެ.

އެގޮތުން މިމީހުނަށް އަނިޔާވެފައިވަނީ ފުލުހުން މުޒާހަރާ ރޫޅާލަން އުޅުމުގެ ތެރޭގައި ކަމަށާއި، ޕީޕީއެމް/ ޕީއެންސީ އޮފީހަށް ވަދެގެން ފުލުހުން މުޒާހަރާގެ ބައެއް ބައިވެރިންނަށް އަނިޔާ ކުރި ކަމަށް ހީނާ ވިދާޅުވިއެވެ.

އަނިޔާ ލިބުނު މީހުންގެ ތެރޭގައި ރައްޔިތުން މަޖިލީހުގެ ކުރީގެ މެމްބަރުން ހިމެނެއެވެ. މިރޭ މުޒާހަރާގެ ބައިވެރިން މަޖިދީމަގުން ކުރިއަށްދާން ފެށުމުން ފުލުހުން ވަނީ ހުރަސް އަޅާފައެވެ. ފުލުހުން ހުރަސް އެޅުމުން މުޒާހަރާގެ ބައިވެރިން ޕީޕީއެމް އޮފީސް ދޮށަށް އެނބުރި ދިޔައީއެވެ. ފުލުހުންނާއި މުޒަަހަރާގެ ބައިވެރިންނާއި ދެމެދު ހަމަނުޖެހުން ހިނގީ ޕީޕިއެމް އޮފީސް ހިމެނޭ ސަރަހައްދުގައެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ލިބޭގޮތެއް ނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން