އަހުމަދު ޝާހް   25 އޭޕްރީލު 2021 - 16:25
ބ. އޭދަފުށި (ފޮޓޯ: އޭދަފުށީ ޓައިމްސް)
ބ. އޭދަފުށި (ފޮޓޯ: އޭދަފުށީ ޓައިމްސް)
ބ. އޭދަފުށީގައި މިވަގުތު ކޯވިޑް-19 އަށް ޕޮޒިޓިވް 71 މީހުން އެބަތިބި ކަމަށް އޭދަފުށީ ކައުންސިލުން ބުނެފިއެވެ.

އޭދަފުށީ ކައުންސިލުން ޢާއްމު ކޮށްފައިވާ ތަފާސް ހިސާބުން ދައްކާގޮތުން މިމަހުގެ 19 ވަނަ ދުވަހުން ފެށިގެން މިހާތަނަށް އޭދަފުށިން ވަނީ ރެންޑަމް ސާމްޕަލް ހިމެނޭގޮތަށް 609 ސާމްޕަލެއް ނަގައިފަ އެވެ. އޭގެ ތެރެއިން 50 ސާމްޕަލެއްގެ ނަތީޖާ އަދި ނުލިބެ އެވެ. އިއްޔެ އެރަށުން ބައްޔަށް ޕޮޒިޓިވް ވެފައިވަނީ 23 މީހެކެވެ. އެހެންކަމުން މިވަގުތު އެރަށުގައި ތިބި ބައްޔަށް ޕޮޒިޓިވް މީހުންގެ ޢަދަދަކީ 71 އެވެ.

ކޯވިޑް-19ގެ އަލާމާތްތައް ހުރި ދެ މީހަކު އޭދަފުށީ ފްލޫ ކްލިނިކަށް ގޮސް ޓެސްޓު ކުރުމުން ބައްޔަށް ޕޮޒިޓިވްވެފައިވާތީ، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިމެންދެން އެރަށަށް އަރައި ފޭބުން ވަނީ މަނާކޮށްފައިވަނީ މި މަހުގެ 19 ވަނަ ދުވަހުއެވެ.

އޭދަފުށީ ހޮސްޕިޓަލުންވަނީ ޒަރޫރީ ބޭނުމަކު ނޫނީ ގެއިންބޭރަށް ނުނިކުތުމަށާއި ގެއިން ބޭރަށް ނުކުންނަން ޖެހިއްޖެ ހާލަތެއްގައިވެސް މާސްކު އަޅައިގެން އުޅުމަށް އިލްތިމާސްކޮށްފައެވެ. އަދި އެރަށުގައި ސާމްޕަލް ނެގުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ވަރުގަދަ ކޮށްފައެވެ.

އެޗްޕީއޭއިން އިއްޔެ ވަނީ ‏ބ. އޭދަފުށިން ކޯވިޑް-19ގެ ޕޮޒިޓިވް ގިނަ ކޭސްތަކެއް ފެނިފައިވާތީ، 01 އޭޕްރީލް 2021 ގެ ފަހުން ބ. އޭދަފުށީގައި އުޅުމަށްފަހު އަތޮޅުތެރޭގެ އެއްވެސް ރަށަކަށް ދަތުރުކޮށްފައިވާ ފަރާތެއްވާނަމަ، ވީ އެންމެ އަވަހަކަށް އެރަށެއްގެ ހޮސްޕިޓަލް ނުވަތަ ހެލްތް ސެންޓަރަށް އެކަން އެންގެވުމަށް އަންގަވާފައެވެ. އަދި އެތާރީޚްގެ ފަހުން ބ. އޭދަފުށްޓަށް ޒިޔާރަތްކޮށްފައިވާ ފަރާތްތަކުން، އޭދަފުށިން އަނބުރާ ރަށަށް އައި ދުވަހުން ފެށިގެން 10 ދުވަސްވަންދެން ކަރަންޓީނުގައި ތިއްބެވުމަށްވެސް އެޗްޕީއޭއިން ވަނީ އެދިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން