ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބަށް ގާތްގަނޑަކަށް 60 މިލިއަނާއި 70 މިލިއަން ރުފިޔާއާއި ދެމެދުގެ އަދަދެއް ހަރަދު ވެފައިވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާދަމް ރޭ ވިދާޅުވީ އިއްޔެގެ ނިޔަލަށް 35 މިލިއަން ރުފިޔާ ހަރަދު ކުރެވިފައިވާ ކަމަށެވެ. އަދިވެސް ކުރަންޖެހޭ ހަރަދުގެ ބޮޑުބައި އޮތީ ނުކޮށްކަން ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ މިފަހަރުގެ އިންތިހާބަށް 60 މިލިއަނާއި 70 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް ހަރަދުވެފައިވާނެ ކަމަށް ބެލެވޭ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ކުރީން ބުނީ މި ފަހަރުގެ އިންތިހާބަށް 95 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށެވެ.

މިމަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބަކީ މިހާތަނަށް ބޭއްވި އެންމެ ހަރަދު ބޮޑު އިންތިހާބެވެ. މި އިންތިހާބުގެ ހަރަދުތައް ބޮޑުވީ ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއެކު އިންތިހާބު ބާއްވަން ޖެހުމުންނެވެ.

ޝަރީފް ވިދާޅުވީ ކޮމިޝަނަށް ހުށައެޅުނު ޝަކުވާތަކާ ގުޅިގެން ދެ ދާއިރާއެއްގައި އަލުން ވޯޓުލުން ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. ޝަކުވާތަކާ ގުޅިގެން އިންތިހާބު އަލުން ބާއްވަން ނިންމާފައި ވަނީ ލ. މާވަށާއި ތ. ގާދިއްފުށީގައެވެ.

އަދި ނަތީޖާ އެއްވަރު ވެގެން އިންތިހާބު އަލުން ބާއްވަން ނިންމާފައިވަނީ، ހއ. ތަކަންދޫ ކައުންސިލްގެ އަންހެނުންނަށް ހާއްސަ ކޮށްފައި ވާ ގޮނޑިއާއި، ބ. ކިހާދޫ ކައުންސިލް މެންބަރުގެ ގޮނޑިއާއި، މ. ރަތްމަންދޫ ކައުުންސިލް ރައީސްގެ ގޮނޑީގެ އިތުރުން ފ. ދަރަނބޫދޫ އަންހެނުންނަށް ހާއްސަ ކޮށްފައި ވާ ގޮނޑި އެވެ. މީގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ވެސް 6 ދާއިރާއެއްގެ ވޯޓުލުން އަލުން ބާއްވަން ވަނީ ނިންމާފައެވެ.

ޝަރީފް ވިދާޅުވީ ކައުންސިލް އިންތިޚާބުގައި 186،253 މީހުން ވޯޓު ލާފައިވާ ކަމަށާއި، އެއީ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ 68.19 އިންސައްތަ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން