ގެސްޓްހައުސްތަކާއި ސިޓީ ހޮޓާތަކަށް އިންޑިއާގެ ފަތުރުވެރިންނަށް ނާދެވޭ ގޮތް ހަދައިފިއެވެ.

މިގޮތަށް ކަނޑައަޅާފައިވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ނެރުއްވި އެންގެވުމެއްގައެވެ. މި އެންގުމަކީ ދިވެހިރާއްޖެއަށް އިންޑިއާއިން އަންނަ ފަރާތްތަކަށް އަމާޒުކޮށް ނެރުއްވި އެންގެވުމެކެވެ.

މިއެންގުމުގައިވާ ގޮތުން އިންޑިއާއިން ރާއްޖެ އަންނަ ފަތުރުވެރިންނާއި އިންޑިއާގައި 24 ގަޑިއިރަށްވުރެ ގިނައިރު ޓްރާންސިޓްވެފައިވާ ފަތުރުވެރިން ރާއްޖޭގެ ހުރިހާ ގެސްޓްހައުސްއަކާއި ސިޓީ ހޮޓާތަކަށް ޗެކިންވުން ހުއްޓާލުމަށް ވަނީ އަންގާފައެވެ. ނަމަވެސް މީގެތެރޭގައި މީހުން ދިރިއުޅޭ ތަންތަނާއި މުޅިން ވަކިން ހުންނަ ސިޓީ ހޮޓާތައް ނުހިމެނޭކަމަށް އެޗްޕީއޭގެ އެންގުމުގައިވެއެވެ. އަދި މިވަގުތު ގެސްޓްހައުސްތަކާއި ސިޓީ ހޮޓާތަކުގައި ތިބި އިންޑިއާގެ ފަތުރުވެރިންގެ ބުކިންގ މުއްދަތު ނިމެންދެން ގެސްޓްހައުސްތަކާއި ސިޓީ ހޮޓާތަކުގައި އެމީހުންނަށް ތިބެވޭނެކަމަށް މިއުސޫލުގައިވެއެވެ.

އިންޑިއާއިން އަންނަ ފަރާތްތަކަށް އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި 96 ގަޑިއިރުނުވާ ޕީސީއާރު ޓެސްޓެއް ހުށަހެޅުމާއި، ރާއްޖެ އައުމަށްފަހު 24 ގަޑިއިރު ތެރޭގައި ޕީސީއާރު ޓެސްޓެއް ހެދުމާއި، އަދި 10 ދުވަހުގެ މުއްދަތަކަށް ކަރަންޓީންވުން ހިމެނެއެވެ. އަދި ރާއްޖެއިން ފުރާ އިންޑިއާގެ ފަތުރުވެރިން ފުރުމުގެ ކުރިންވެސް ޕީސީއާރު ޓެސްޓެއް ހަދަންޖެހެއެވެ.

އިންޑިއާގައި ކޯވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު، މަރުވާ މީހުންގެ އަދަދު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. އެކަމާއި ގުޅިގެން ބައެއް ޤައުމުތަކުން ވަނީ އިންޑިއާއަށް ދަތުރުކުރުން މަނާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން